ކޮވިޑް-19 އަކީ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވެ، އަދި ބަލި ފެތުރުން ހުއްޓުވަން ލޮކްޑައުންކުރުމާއި، އިގްތިސާދީ މަސައްކަތްތައް ހުއްޓާލާފައި ފިޔަވަޅުތައް އެޅުމާއި އެތައްމަހެއް ވަންދެން ދެކޮޅު ހައްދަވަމުން ގެންދެވި ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ އެންމެފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ބްރެޒިލްގެ ރައީސްވަނީ، ސިއްހީ ފަރާތްތަކުގެ އެންގުންތަކާ ޚިލާފްވެވަޑައިގެން، އެތައްފަހަރެއްގެމަތިން މަގުމައްޗަށް ނުކުމެވަޑައިގެން މުޒާހަރާތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

އެފަދަ އެއްވުންތަކުގައި އާންމުންނާ ސަލާމްކުރެއްވުމަކީވެސް އާންމު ކަމެކެވެ. އެފަދަ އެއްވުންތަކަށް ރައީސް ވަޑައިގަންނަވަނީ މާސްކްވެސް ނާޅުއްވައެވެ.

މިކަމާހެދި، އާންމު ރައްޔިތުންނަށް ނުބައި މެސެޖެއް ދެއްވަނީކަމަށް ބުނެ ބްރެޒިލްގެ ކޯޓަކުން ވަނީ ރައީސް ބޮލްސޮނާރޯ މަގުމައްޗަށް ނުކުމެވަޑައިގަންނަވާ ނަމަ މާސްކް އަޅުއްވަން އަމުރުވެސް ކޮށްފައެވެ.

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ކޮވިޑް-19 އަށް ހެއްދެވި ޓެސްޓުން ޕޮޒިޓިވްވިކަން އިޢްލާން ކުރެއްވީ ޚުދު އޭނާއެވެ.

ވެރިރަށް ބްރަސީލިއާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ހުންނެވީ މާސްކް އަޅުއްވައިގެންނެވެ.

ހަމަ އެއާއެކު ބޮލްސޮނާރޯ ވިދާޅުވީ، އޭނާ މިހާރު ގެންދަވަނީ މެލޭރިޔާއާއާ ދެކޮޅަށް ބޭނުންކުރާ "ހައިޑްރޮސިކްލޮރޮކްއިން" ބޭނުން ކުރައްވަމުން ކަމަށެވެ.

ނަމަވެސް، އެ ބޭހަކީ ކޮވިޑް-19 ބަލިމީހުން ބޭނުންކުރަން ދުނިޔެއިން ކަނޑައަޅާފައިވާ ބޭހެއްނޫނެވެ. އެ ބޭސް ބޭނުންކުރަން ތާއީދުކުރައްވަނީ ބްރެއިލްގެ ރައީސާއި އެމެރިކާގެ ރައީސް އެކަންޏެވެ.

"އަޅުގަނޑުގެ ހާލު އާދައިގެގޮތެއް. ބޭރަށް ނުކުންނަންވެސް ބޭނުން، އެކަމަކު ސިއްހީ އިރުޝާދުތަކާހެދި އެކަން ކުރެވޭކަށްނެތް"
ޖައިރް ބޮލްސޮނާރޯ

ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ކުރިން ވިދާޅުވެފައިވަނީ، އޭނާއަކީ ކުރީގައި އެތުލީޓަކަށްވުމުން ކޮވިޑް-19 ބަލިން އޭނާއަށް ރައްކާތެރިކަން ލިބިގެންވާ ކަމަށެވެ. އަދި ބަލި ޖެހުނަސް އެކަން ވެގެންދާނީ އާދައިގެ "ހުމަކަށް" ކަމަށް ވިދާޅުވަމުން ގެންދެވިއެވެ.

އާބާދީގައި 210 މިލިއަން މީހުން ހިމެނޭ ބްރެޒިލް މިހާރު ވެފައިވަނީ ދުނިޔޭގައި ބަލީގެ ހާލަތު ދެވަނައަށް އެންމެ ގޯސް ގައުމަށެވެ. އެގައުމުން މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަމީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ބަލީގައި މިހާތަނަށް 64،265 މީހުން މަރުވެފައި ވެއެވެ.