ތިލަފުށީ ގުދަނެއްގައި ރޯވި އަލިފާންގަނޑުގެ ބޮޑުބައެއް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އަލިފާން ރޯވެ އަނދަމުންދަނީ ތިލަފުށީގައި ހުންނަ "ސެކިޔޯ ބޭގް" ގެ ގުދަނުގައެވެ.

އެ ގުދަނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:24 އެހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އަދި ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެގޮތުން، ފަޔަރ އެންޑް ރެސިކިއުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން މިރޭ 23:15 އެހާއިރު އަލިފާނުގެ %90 ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.

އަލިފާން ރޯވިއިރު ގުދަނުގައި ހުރީ ކޮން ބާވަތެއްގެ މުދަލެއްކަމެއް ސާފެއް ނުވެއެވެ. ނަމަވެސް، އެ ކުންފުންޏަކީ ބައު މުދަލުގެގޮތުގައި އުކާލާތަކެތި އެއްކުރާ ކުންފުންޏެވެ.