ދިވެހިރާއްޖެއިން ރުބެއްލާ ނައްތާލެވިފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗުއޯ) އިން އިއުލާންކޮށްފިއެވެ.

ޑަބްލިޔުއެޗުއޯ އިން މިކަން އިއުލާންކުރީ އެ ޖަމްއިއްޔާގެ ރީޖަނަލް ވެރިފިކޭޝަން ކޮމިޓީގެ ބައްދަލުމަށް ފަހުއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ކުރި ޓުވީޓެއްގައި ވަނީ ރާއްޖެއަކީ ރުބެއްލާ ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ޑަބްލިޔުއެޗުއޯ އިން ކަނޑައަޅާފައިވާ ކަމަށެވެ. އެޗުޕީއޭ އިން ބުނީ މިއީ ސިއްހީ ޚިދުމަތްތެރިންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ރުބެއްލާއަކީ ގައިންގަޔަށް އަރާ ބައްޔެކެވެ. ނެވާލާ ނިޒާމުން ބޭރުވާ ތެތްކަމުގެ ޒަރިއްޔާއިން ފެތުރޭ މި ބަލީގެ ޖަރާސީމުގެ އަސަރުކުރުމަށްފަހު ހަށިގަނޑުން ބަލީގެ އަސަރު ނުފެނުނު ކަމުގައި ވިޔަސް، އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. މާބަނޑު މީހަކަށް ބަލި ޖެހިއްޖެނަމަ، ބަނޑުގައިވާ ދަރިފުޅަށް ބަލީގެ އަސަރުކޮށް، ލިބޭ ދަރިފުޅުގެ އުނިކަން ހުރުން ވެސް އެކަށީގެން ވެއެވެ.

އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން ރުބެއްލާ ނައްތާލަން އަމާޒު ހިފާފައި އޮތީ 2023 ވަނަ އަހަރުގެ ކުރިން ކަމަށާއި އޭގެ ކުރިން އެ އަމާޒު ހާސިލްވެވުނުކަމީ ކާމިޔާބެއް ކަމަށެވެ. މިއިން އަންގައިދެނީ އާންމު ސިއްހަތަށް ސަމާލުވުމާއި ވެކްސިންޖެހުންފަދަ ކަންކަމަށް ފަރުވާތެރިވުމުގެ މުހިންމުކަން ކަމަށެވެ. ރުބެއްލާ ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް މަސައްކަތް ކުރަންޖެހޭކަން ވެސް ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

ރުބެއްލާ ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައަޅާފައިވާއިރު، ގައިންގަޔަށް އަރާ ބައްޔެއް ކަމަށްވާ، ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ވެސް ރާއްޖެ ވަނީ އިއުލާންކޮށްފައެވެ. 2017 ވަނަ އަހަރު އެގޮތަށް އިއުލާންކުރި ނަމަވެސް، މިއަހަރުގެ ކުރީކޮޅު ވަނީ ހިމަބިހި ރާއްޖެއިން ފެނިފައެވެ. އެހެންކަމުން ހިމަބިއްސާ ދެކޮޅަށް ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.