އާންމުންނަށް ޚިދުމަތްދޭ ތަންތަނުން އަމަލުކުރަނީ އައު އާންމު ހާލަތުގެ އުސޫތަކާ އެއްގޮތަށްތޯ ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ބުނީ ކޮވިޑް-19 އާ ގުޅިގެން އައު އާންމު ހާލަތަށް ރުޖޫއަވުމަށްޓަކައި އާންމު ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތްދިނުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ބަލި ފެތުރުން ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެޗުޕީއޭ އިން ބުނީ މިފަދަ ތަންތަނުން އާންމު ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭންވާނީ ކޮވިޑް-19 އާ ގުޅިގެން އެޗުޕީއޭ އިން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ތައްޔާރުވަމުންދާ ކަމަށް އެޗުޕީއޭ އިން ބުނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މި އޮޕަރޭޝަނުގައި، މާލެ ސަރަހައްދުގައި ހިމެނޭ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނާއި، އާންމު ކާބޯތަކެތި ވިއްކާ ފިހާރަތަކާއި، ޖިމް ނުވަތަ ފިޓްނަސް ސެންޓަރުތަކާއި، ސެލޫންތައް އަދި މާރުކޭޓުފަދަ ތަންތަނުން އުސޫލާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލާނެ ކަމަށެވެ. މި އޮޕަރޭޝަން ކުރިއަށްދާނީ އެ އެޖެންސީއާއި ސަރުކާރުގެ އެހެން އިދާރާތައް ގުޅިގެން ކަމަށާއި މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި މި ޚާއްސަ އޮޕަރޭޝަން ހިންގާނެ ކަމަށް އެޗުޕީއޭ އިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ގޮތުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ފުރަބަންދަށް ދެމަހަށްވުރެ ގިނަދުވަސް ވެފައި ވަނިކޮށް، ފިޔަވަހިތަކަކަށް ބަހާލައިގެން ދަނީ ލުއިތައް ދެމުންނެވެ. ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދީފަިއވާއިރު، އާންމު ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ދިނުމަށް ވެސް ވަނީ ހުއްދަ ދީފައެވެ. ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކާއެކު ޚިދުމަތް ދިނުމަށް ހުއްދަ ދިން ނަމަވެސް އެ ފިޔަވަޅުތަކަށް ފަރުވާކުޑަކުރާކަން ސިއްހީ ޚިދުމަތްތެރިން ވެސް ފާހަގަކުރައްވައެވެ.