ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހަތަރު މެމްބަރަކު ކޮމިޝަނުން ވަކިކޮށްދޭން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މިގޮތަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ. އެންއައިސީގެ ހަތަރު މެންބަރަކު ވަކިކުރުމަށް ރައީސަށް ލަފާއެރުވުމަށް ކޮމިޓީން ނިންމީ އެބޭފުޅުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ނުކުޅެދިފައިވާ ކަމަށް ބުނެއެވެ.

އެންއައިސީ އަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމި ނިންމުމުގައި ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި ފަސް މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރެއިން އެއް މެންބަރަކު ފިޔަވައި ދެން ތިއްބެވި މެންބަރުން ވަކިކުރުމަށް ކޮމިޓީން ފާސްކުރިއިރު، މީގެ ތެރޭގައި ނުހިމެނޭ މެންބަރަކީ މި ސަރުކާރުގައި ކޮމިޝަނަށް އައްޔަންކުރެއްވި ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދެވެ. ވަކިކުރުމަށް ރައީސަށް ލަފާއެރުވުމަށް ކޮމިޓީން ފާސްކުރި ހަތަރު މެންބަރުންނަކީ ކުރީ ސަރުކާރުގައި އައްޔަންކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. އެއީ ކޮމިޝަނުގެ ރައީސް އަހްމަދު ސުލައިމާން، ނާއިބުރައީސް ހައްސާން ހަމީދު، މެންބަރު އަހުމަދު އަމީން އަދި މެންބަރު ޚަދީޖާ އަބްދުﷲ އެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ކުރީގެ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނެވެ. 2008 ވަނަ އަހަރު ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ނަމުގައި އުފައްދައި ހިންގަމުން އައި މި ކޮމިޝަނުގެ ނަން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުކުރީ 2016 ވަނަ އަހަރެވެ.

ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ފުލުހުންނާ ގުޅޭ މައްސަލަތައް ބެލުން ހިމެނެއެވެ. ނަމަވެސް އެ ޒިންމާ އެންމެ ފުރިހަމައަށް ކޮމިޝަނުން އަދާނުކުރާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެއެވެ. ފުލުހުންނަށް އަމާޒުވަމުންދާ ފަޑުކިޔުންތަކަށް ނިމުމެއް ނާންނައިރު، ވަކިވަކި ފުލުހުން ގާނޫނާ ޚިލާފަށް ކުރާ ކަންކަމުގައި އެންމެ އެކަށީގެންވާގޮތުގައި އެންއައިސީން ފިޔަވަޅު ނޭޅޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ފާހަގަކުރައްވާފައި ވެއެވެ.