ޒަމާނަށް އަންނަ ބަދަލުތަކާއިއެކު، ތަފާތު އެކި ބާވަތްތަކުގެ ލިޔުންތައް ދިރާސާކޮށް، ދިވެހި ލިޔުންތެރިކަންވެސް އެ މަގުން ތަރައްޤީ ކުރުމަށް މަސައްކަތްކޮށްދެއްވުމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނު ލިޔުންތެރިންނަށް އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ލިޔުންތެރިގެ ދުވަހުގެ ތަހުނިޔާ އެކިއެކި ބާވަތުގެ ލިޔުންތައް ލިޔާ ހުރިހާ ލިޔުންތެރިންނަށް ފޮނުވަމުން މިނިސްޓަރ ޔުމްނާ ވަނީ ލިޔުންތެރިންގެ އަގުހުރި މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާކަމުގައި ވިދާޅުވެފައެވެ.

އަދި ލިޔުންތެރިކަމަކީ ކުޅަދާނަ ހުނަރަކަށް ވާއިރު، ދިވެހިން ފަދަ އަމިއްލަ ބަހަކާއި އަކުރެއް ލިބިފައިވާ ކުޑަ މުޖުތަމަޢުއެއްގެ ތާރީޚާއި އާދަކާދަތަކާއި ސަގާފަތް ރައްކާކޮށް އައު ޖީލުތަކަށް އެކަންކަން އުނގަންނައިދިނުމުގައި ލިޔުންތެރިން އަދާކުރަނީ އަގު ނުކުރެވޭނެ ފަދަ ރޯލެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.

.

މީގެ އިތުރުން މިނިސްޓަރ ޔުމްނާ ވަނީ ދިވެހި ބަހުން ޝާއިޢު ކުރެވޭ ލިޔުންތެރި އުފެއްދުންތަކުގެ ބާވަތްތަކުގެ ތެރެއިން މަދުން އުފެއްދޭ ބާވަތްތަކުގެ ލިޔުންތައް އިތުރަށް އުފައްދަވައި އާންމުކޮށްދިނުމަކީ ލިޔުންތެރިންގެ ކިބައިން އެދިވަޑައިގަންނަވާ ވަރަށް ބޮޑު އެދުމެއްކަމަށްވެސް ވިދާޅުވެފައެވެ.

މިއަދު ފާހަގަކުރަމުން މިދަނީ ރާއްޖޭގެ 27ވަނަ ލިޔުންތެރީންގެ ދުވަހެވެ. ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ.