• ކޮވިޑް-19 ބަލީގައި ނިޔާވި މީހުންގެ އަދަދު 13 އަށް އަރައިފި

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 22 މީހުން ބަލިން ފަސޭހަވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 22 މީހުން ބައްޔަށް ޝިފާލިބި، ފަސޭހަވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މިއަދަދާއެކު، ރާއްޖެއިން ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދުވަނީ 2،180 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެފައިވަނީ 16 މީހުން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، 11 ދިވެހިންނާއި، ބަނގްލަދޭޝްގެ 5 މީހުންނެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް މިހާތަނަށް ރެކޯޑުކުރެވުނު އަދަދު މިވަނީ 2،517 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިކް ކޭސަސްގެގޮތުގައި ތިބީ 319 މީހުން ކަމަށެވެ. މީގެ ތެރެއިން 13 މީހަކަސް ގެންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

އައިސޮލޭޝަންގައި މިވަގުތު 267 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 107 މީހުންނެވެ.

ކޮވިޑް-19 ބަލީގައި ރާއްޖެއިން މިހާތަނަށް 13 މީހުން ނިޔާވެފައިވާއިރު، ނިޔާވެގެން މިއަދު އައިޖީއެމްއެޗަށް ގެންދިޔަ އުމުރުން ދުވަސްވީ އަންހެނަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، އުމުރުން 70 އަހަރުގެ ދިވެހި އަންހެންމީހާ ހޮސްޕިޓަލަށް ގެންދެވުނީ މިއަދު މެންދުރު 1:00 ގައި ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ.

އަދި އެމީހާ ކޮވިޑް-19 އަށް ޓެސްޓް ހެދުމުން ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.