ކޮންމެސް ދުވަހަކުން ހަގީގަތް އެނގޭނެ ކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ، ޕޯސްޓަކާއެކު މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު މިމޭރުމުން ޓްވީޓެއް ކުރައްވާފައި މިވަނީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅުމާގުޅިގެން މިނިސްޓަރ އޮފް ޓުއަރިޒަމްގެ މަގާމުން ޢަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ އަންގަވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ހާމަކުރައްވާފައި ވަނިކޮށެވެ.

ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ހުށަހެޅި އެކަން ތަހްގީގު ކުރަމުންދާކަން ފުލުހުންގެ ތަރުޖަމާނު ވަނީ މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް، އެއީ މިނިސްޓަރު އަލީ ވަހީދުގެ މައްސަލައެއް ކަމެއް ވިދާޅެއް ނުވެއެވެ.

މިމައްސަލާގައި ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވިކަމެއް އަދި ޔަގީނެއް ނޫނެވެ.

ނަމަވެސް، އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާ މޭރުމަކުން ޓްވީޓްކުރައްވާފައިވާ ޕޯސްޓްގައި ލިޔެފައިވަނީ "މިދުވަސްވެސް ހިނގައިދާނެ" މިހެންނެވެ.

މިއާއެކު ޓްވީޓްގައި ވިދާޅުވެފައިވަނީ (ތުހުމަތުތަކުގެ) ހަގީގަތް ކޮންމެސް ދުވަކުން ހާމަވާނެ ކަމަށެވެ.

"އަލްޙަމްދުލިﷲ. ގައުމަށާއި ރައްޔިތުންނަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެވުނީތީ ފަޚުރުވެރިވަން"
އަލީ ވަހީދު

އަލީ ވަހީދު ކުރައްވާފައިވާ ޓްވީޓަށް ޖަވާބު ދީފައިވާ ބައެއް ފަރާތްތަކުން އޭނާގެ ހިންގުންތެރިކަމާއި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައިވާއިރު، ގިނަބަޔަކުވަނީ ފާޑުކިޔައި، މައްސަލަ ބެލުމަށްވެސް ގޮވާލާފައެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހަންމަދު ސާލިހް މި އެންގެވީ، ކޮވިޑް-19 ބަލީގެ ހާލަތާ ގުޅިގެން އެތައް ދުވަހެއް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިން އައުން ހުއްޓުވައި ރާއްޖޭގެ ރިސޯޓްތައްވެސް ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިކަމުގެ ސިނާއަތް މިމަހުގެ 15 ގައި ހުޅުވާލައި ފަތުވެރިންނަށް މަރްހަބާ ކިއުމަށް ރާއްޖެ ތައްޔާރީތައް ވަމުންދާ ވަގުތެއްގައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީގޯނާކުރި ކަމުގެ މައްސަލަ ފެންމަތިވެގެން އައިއިރު، މިދުވަސްވަރަކީ ރޭޕްގެ މައްސަލަތަކާއި، ޖިންސީގޯނާއާއި ޖިންސީ ފުރައްސާރަކުރުމުގެ އެތައް މައްސަލަތަކެއް ރާއްޖޭގައި ރިޕޯޓްކުރަމުންދާ ދުވަސްވަރެއްކަން ފާހަގަ ކުރެވެއެވެ.