ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރުމަށް އެ ޕާޓީގެ ކައުންސިލަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދާ ހަމައަށް ޖޭޕީގެ ސްލޮޓެއްގައި ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު ޕާޓީގެ ރައީސްގެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިމިވަނީ ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރެވި، އަލީ ވަހީދު ޓުއަރިޒަމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ އަންގަވާފައި ވަނިކޮށެވެ. އިސްތިއުފާ ނުދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އަލީ ވަހީދު މަގާމުން ވަކިކުރައްވާފައެވެ.

ޖޭޕީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރުމަށް މައްސަލަ ހުށަހެޅީ އެޕާޓީގެ ކައުންސިލް މެންބަރެކެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ އޭނައާމެދު ކުރެވިފައިވާ ސީރިއަސް ތުހުމަތުތަކާއެކު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އަންގަވާފައި ވުމުން ޕާޓީގެ ރައީސްގެ މަގާމުން ވަކިކުރުމަށް ފެނޭތޯ ބެލުމަށެވެ.

އަލީ ވަހީދު ޖޭޕީގެ ރައީސްގެ މަގާމުން ވަކިކުރުމަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ވަނީ ޖޭޕީގެ ކައުންސިލް މެންބަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާ ގުޅޭގޮތުން އަޚްލާގީ މިންގަނޑުން ބޭރު، ބޭއަދަބީ ބަސްތަކެއް ބޭނުންކޮށް ފުރައްސާރަ ކޮށްފައިވާ އޯޑިއޯތަކެއް މީގެ ކުރިން ލީކުވެފައި ވުމާއި، ޖޭޕީގެ ސްލޮޓެއްގައި ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުކުރެވި، އިސްތިއުފާ ދެއްވުމަށް އަންގަވާފައި ވުމާއި، އަދި ކުރެވޭ ތުހުމަތުތައް ޖެންޑާ މިނިސްޓްރީއާއި ފުލުހުން ބަލަމުން ދިއުމެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޕާޓީގެ ކައުންސިލް މެންބަރު އާއިޝަތު ނަހުލާއާ ގުޅޭގޮތުން ބޭއަދަބީ ވާހަކަތަކެއް ދެއްކި މައްސަލަ މީގެ ކުރިން ވެސް ޕާޓީގެ ކައުންސިލަށް ހުށަހެޅުނެވެ. އެފަހަރު ނިންމީ އެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ވަކި ގޮތެއް ނިންމެވުމުގެ ކުރިން ޕާޓީން ފިޔަވަޅު އެޅުން ރަގަޅު ނޫން ކަމަށެވެ.

ނަމަވެސް މިހާރު ކުރެވިގެން އުޅޭ ތުހުމަތުތަކަކީ މާސީރިއަސް ތުހުމަތުތަކަކަށް ވުމާއެކު، އެފަދަ މީހަކު ސިޔާސީ ޕާޓީއެއްގެ ރައީސްކަމުގައި ބެހެއްޓުމަކީ ޕާޓީގެ މަގުސަދާ ޚިލާފު އަދި ޕާޓީއާމެދު އާންމުން ދެކޭގޮތް ބަދަލުވެ ޕާޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް އަލީ ވަހީދާ ދެކޮޅަށް ހުށަހެޅުނު މައްސަލާގައި ވެއެވެ. އެހެންކަމުން ޕާޓީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރުމާމެދު ކައުންސިލުން ގޮތެއް ނިންމައިދިނުމަށް މައްސަލަ ހުށަހެޅި މެންބަރު ވަނީ އެދިފައެވެ.

މި މައްސަލާގައި ޖެންޑާ މިނިސްޓްރީން ބުނީ ޓުއަރިޒަމް މިނިސްޓްރީގައި މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ޖެންޑާ މިނިސްޓަރީއަށް ހުށަހަޅާފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.