އދ. މާމިގިލީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ މެޝިނަކުން އެއަރޕޯރޓް ހިމެނޭ ސަރަޙައްދުގައި މިއަދު، ޖުލައިމަހުގެ 9 ވަނަ ދުވަހު ޚިދުމަތްދޭން ފަށައިފިއެވެ.

މި އޮޓޮމެޓިކް ޓެލަރ މެޝިންގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމުގައި ވިލާ ގުރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން އޮނަރަބަލް ޤާސިމް އިބްރާހީމް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ އަރިއަހުގައި ބޭންކްއޮފް މޯލްޑިވްސްގެ އދ. އަތޮޅު ގޮފީގެ ޓެކްނިކަލްޓީމާއި އެކު މާމިގިލި ކައުންސިލްގެ ރައީސް ޢަބުދުﷲ މުފީދާއި ނައިބުރައީސް ޝިހާމް މުޙައްމަދުގެ އިތުރުން ކައުންސިލް މެމްބަރު މުޙައްމަދު ޝަހުރަމް ވަނީ ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މާމިގިލީގައި މިބެހެއްޓުނު އޭޓީއެމް މެޝިނަކީ އިލެކްޓްރޯނިކް ޒަރީޢާއިން ފައިސާ ފޮނުވުމާއި އެކައުންޓުތަކަށް ޖަމާކުރުމުގެ އިތުރުން ނަޤުދު ފައިސާވެސް ޖަމާކޮށް ނެގޭ މެޝިނެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި މެޝިނުން 20 ރުފިޔާއިން ފެށިގެން 500 ރުފިޔާގެ ނޫޓުތައް ނަގާ ޖަމާކުރެވޭނެ ކަމަށްވެސް ބީއެމްއެލްއިންވަނީ މަޢުލޫމާތު ދީފައެވެ.

ވީމީޑިއާއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިހާތަނަށް ބޭންކް އޮފް މޯލްޑިވްސްއިން އެއަރޕޯރޓެއްގައި އެންމެ ފަހުން ބެހެއްޓި އޭޓީއެމް މެޝިނެވެ. މީގެ ކުރީން ބީއެމްއެލްއިންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެއަރޕޯރޓުތަކުގައި އޭޓީއެމްގެ ޚިދުމަތްދޭން ފަށައިފައެވެ. އަދި މިހާރު އިފުރު ފިޔަވައި ހުރިހާ އެއަރޕޯރޓަކުން މި ޚިދުމަތް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ.

މާމިގިލީގައި އެއަރޕޯރޓެއް ހުޅުވުނީއްސުރެ އެރަށުގެ ކައުންސިލުން ވަނީ ބޭންކުތަކުގެ ޚިދުމަތް އެރަށުން ލިބޭނެ ގޮތް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކުރި މަސައްކަތުގައި އެންމެ ފުރަތަމަ އެރަށުގައި ހުޅުވުނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ގޮތްޕެކެވެ. ނަމަވެސް 2014 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއިން އެކި ރަށްރަށުގައި ކޭޝް އޭޖެންޓުން ޤާއިމް ކުރުމަށް ކުރަމުން ދިޔަ މަސައްކަތުގައި މާމިގިލީގައިވެސް ވަނީ އެފަދަ ފިހާރައަކުން ޚިދުމަތްދޭން ފަށައިފައެވެ.

މާމިގިލީ ކައުންސިލްގެ ނައިބު ރައީސް ޝިހާމް މުޙައްމަދު ވިދާޅުވީ މާމިގިލީގައި އޭޓީއެމްގެ ޚިދުމަތް ފެށިގެން ދިއުމަކީ އެރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

މާމިގިލީގައި ހުންނަ ބީއެމްއެލްގެ ކޭޝް އެޖެންޓު

މާމިގިލީގައި އެއަރޕޯރޓެއް ހުޅުވި ބައިނަލްއަޤުވާމީ ފެންވަރުގެ ބަނދަރެއް ބިނާކުރެވިފައިވީ ނަމަވެސް މިހާތަނަށް އެރަށުގައި ބިޔަ އިންވެސްޓްމަންޓުތައް ކޮށްދެމުން ގެންގޮސްފައިވަނީ ވިލާ ގުރޫޕުންނެވެ. އެގޮތުން އެރަށަށް ބޭނުންވާ ކަރަންޓަށް އިންވެސްޓު ކޮށްދެއްވައި ރަށުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ވިލާގުރޫޕްގެ ޗެއަރމަން އޮނަރަބަލް ޤާސިމް އިބްރާހީމް ވަނީ ކޮށްދެއްވައިފައެވެ. އަދި އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ސަބަބުން ރަށަށް ލިބެމުންދިޔަ ކުރިއެރުމާއި އެކު ރަށުގެ އެހެން ބައެއް ފަރާތްތަކުންވެސް ވަނީ ރަށުގެ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވަން ފަށްޓަވައިފައެވެ.

ނަމަވެސް ތަފާތު އިންވެސްޓުމަންޓުތަކަށް މާމިގިލި ތައްޔާރުވެފައި އޮތް ނަމަވެސް މިހާތަނަށް ބޭރުން ޚިދުމަތެއް ލިބެމުން ގޮސްފައިވަނީ ހަމައެކަނި ދެ ބޭންކަކުންނެވެ. އަދި އިންވެސްޓުކުރުމަށް ވިލާގުރޫޕު ފިޔަވައި އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައެއްނުވެއެވެ. މީގެ އިތުރުން އެރަށުގެ ބަނދަރުގެ ބޮޑުބައެއް ސަރުކާރުން ނެގުމަށްފަހު މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މާމިގިލީގެ އެރަޕޯރޓުގައި އެރަށުން އޭޓީއެމްގެ ޚިދުމަތް ލިބެން ފެށުމަކީ އާ ޢާންމު ޙާލަތުގައި އަނެއްކާވެސް އެރަށަށް ވައިގެ ދަތުރުފަތުރުތައް ކުރެވެން ފަށާއިރު ބީއެމްއެލްއަށާއި އެރަށަށް މަންފާތަކެއްކުރާނެ ޚިދުމަތެއް ކަމަށް ރަށު ކައުންސިލުން ފާހަގަކުރައްވައެވެ.

އަދި މާމިގިއްޔަކީ ކޮވިޑް-19 އާއި ގުޅިގެން މުޅި ޤައުމު ލޮކްޑައުންނަކަށް ދިއުމާއި ހަމައަށް ދުވާލަކަށް 600 އަށްވުރެ މީހުން ހަމައެކަނި ވައިގެ މަގުން އަރައި ފައިބާ ރަށެކެވެ. އެހެންވީމާ އޭޓީއެމްގެ ޚިދުމަތް އެރަށުން ލިބެން ފެށުމަކީ ފަތުރުވެރީންނާއި ދަތުރުއެރީންނަށްވެސް ވަރަށް ބޮޑަށް ފައިދާކުރާނެ ޚިދުމަތެއް ކަމަށް މާމިގިލި ކައުންސިލުން ބުނެއެވެ.