ކޮވިޑް-19 އިން ދިވެހިރާއްޖެ ރައްކާތެރިކޮށްދިނުމަށް ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން 3000 އެންޓި ބޮޑީ ޓެސްޓު ހިލޭ ހަދައިދިނުމަށް އޭޑީކޭއިން ނިންމައިފިއެވެ.

މިކަން ހާމަކޮށް އޭޑީކޭއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރުމުގައި ދެމިތިބި ފަރާތްތައް މި ބައްޔަށް ހުށަހެޅިފައިވުމަކީ ވަރަށް ގާތުގައި އޮތް ކަމެއް ކަމަށެވެ. އޭޑީކޭއިން ބުނީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތުގައި ދެމިތިބި ފަރާތްތަކުން ބައްޔަށް ހުށަހެޅިފައިވޭތޯ ދެނެގަތުމަށް ކޮވިޑް-19 އެންޓި ބޮޑީ ޓެސްޓު ހަދައިދިނުމަށް އެދެމުންދާ ކަމަށެވެ.

އެހެންކަމުން ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެމީހުންގެ ގޭބިސީގައި ދިރިއުޅޭ މީހުންގެ އިތުރުން ޑެލިވަރީގެ ހިދުމަތުގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށްގެން ކޮވިޑް-19 އެންޓި ބޮޑީ ޓެސްޓު ހިލޭ ހަދައިދިނުމުގެ ހަރަކާތެއް ހިންގުމަށް ނިންމާފައިވާ ކަމަށް އޭޑީކޭން ވަނީ ބުނެފައެވެ. މި ހަރަކާތުގެ ތެރެއިން 3000 އެންޓި ބޮޑީ ޓެސްޓު ހަދައިދޭނެ ކަމަށް އޭޑީކޭއިން ބުނެއެވެ. އޭޑީކޭއިން ބުނީ މި ޓެސްޓްތައް ކުރާނީ ރޯޗް ކޯބާސް އެލެކްސިސް އީ-411 އިމިއުނޯ އެނަލައިޒަރ ބޭނުންކޮށްގެން ކަމަށެވެ.

އެޑީކޭއިން ބުނީ ކޮވިޑް-19 އެންޓި ބޮޑީ ޓެސްޓުކުރުމުގެ މަސައްކަތުގައި ބޭނުންކުރާނެ އުސޫލުތައް ކަނޑައަޅައި، ވަކި ތާވަލެއް އެކުލަވާލުމަށްފަހު، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަންނަ ހަފުތާގެ ތެރޭގައި ޓެސްޓުކުރުން ފަށާނެ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން ވަނީ ޕީސީއާރު މެޝިނެއް ރާއްޖެ ގެނެސް ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައެވެ.