މިއަދުގެ އަސްރު ނަމާދަށް މަސްޖިދް އަލީ ހުސައިން(މާވެޔޮ މިސްކިތް) ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޒާހިރު މިކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަސުރު ނަމާދަށް މާވެޔޮ މިސްކިތް ހުޅުވާލައި، މިސްކިތުގައި އާންމުކޮށް ނަމާދުކުރަން ފަށާނެ ކަމަށެވެ.

މާވެޔޮ މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމައި، މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ވަނީ މިނިސްޓްރީއާއި ހަވާލުކޮށްފައެވެ. މާވެޔޮ މިސްކިތަށް ގިނަ ބަދަލުތަކެއް ގެނެސް، މި މިސްކިތް އިތުރަށް ތަރައްގީކޮށްފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ އެހީގައެވެ.

މި މިސްކިތަކީ ވަރަށް ރީތި، ތަފާތު ޑިޒައިނެއްގެ މިސްކިތެކެވެ. ކުރިން 400 އެއްހާ މީހުންގެ ޖާގައިގެ މި މިސްކިތް އަލުން ތަރައްގީކޮށްފައިމިވަނީ 2000 މީހުންގެ ޖާގައަށެވެ. މިސްކިތުގައި މުޅިއެކު 6 ފަންގިފިލާ ހިނޭއިރު، މިސްކިތުގެ އިދާރީ ކަންކަމަށް ވަކި ފަންގިފިލާއެއް ހާއްސަކޮށްފައިވެއެވެ.

މިސްކިތުގައި އަންހެނުންނަށާއި، ފިރިހެނުންނަށް ނަމާދުކުރެވޭގޮތަށް ދެ ބައި ވަކިކޮށްފައިވާއިރު، ޒަމާނީ ފެނަވަރަށް ތަރައްގިކޮށްފައިވާ މި މިސްކިތުގައި ލިފްޓުވެސް ހުރެއެވެ.