ކުންފުނީގެ އަހަރީ ފީ ދައްކާފައި ނުވާ 4924 ކުންފުންޏެއް އިކޮނޮމިކް މިނިސްޓްރީން އުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކުންފުނި އުވާލުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 2 ވަނަ މާއްދާގެ ދަށުން، އަހަރީ ފީ ދައްކާފައި ނުވާ ކުންފުނިތައް ކަނޑައަޅައި، 1979 އިން 2018 ގެ ނިޔަލަށް ޖުމްލަ 6050 ކުންފުންޏެއް ރެކޯޑުކުރެވި، އެއިން ކުންފުންޏެއް ހިންގަން ބޭނުންވާނަމަ، އެ ކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިލްތިޒާމްތައް ފުރިހަމަކުރުމަށްފަހު، މިނިސްޓްރީއަށް އެންގެވުމަށް އެދި، 20 ޖޫން 2019 އިން 3 ޑިސެމްބަރ 2019 އާ ދެމެދު އިއުލާނުކޮށްފައިވާނެ ކަމަށެވެ.

ރެކޯޑުކުރެވިފައިވާ 6050 ކުންފުނީގެ ތެރެއިން، އެއްވެސް ކުންފުންޏެއްގެ މައްޗައް، އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ، ނުވަތަ އެއިން އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތްނަމަ، ކަމާގުޅޭ ތަފްސީލު އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވުމަށް މުހުލަތުތަކެއް ދިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އިކޮނިމިކް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ކުރި އިއުލާނުތަކާ ގުޅިގެން 1017 ކުންފުންޏަކާ ގުޅޭ އެކި މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. މިގޮތުން، ބިދޭސީން ރާއްޖެއަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކޮށްފައި ނެތް ކުންފުނިތަކާއި، އެއްގަމުގައި ދުއްވާ އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދާ ގުޅޭ މައްސަލަތައް ހުރި ކުންފުނިތަކާއި، އެކި ޚިދުމަތްތަކަށް ފައިސާ ނުދައްކާ ކުންފުނިތަކާއި ޝަރުއީ ކޯޓެއްގައި މައްސަލައެއް ބަލަމުންދާ ކުންފުނިތައް ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުތަކާ ގުޅިގެން، އުވާލުމަށް ރެކޯޑުކުރެވިފައިވާ 6050 ކުންފުނީގެ ތެރެއިން 4924 ކުންފުނި އުވާލުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު، އުވާލިކަން އަންގައިި އުވާލި ކުންފުނިތަކުގެ ނަން އާންމުކޮށް ޝާއިއުކުރެވިފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.