ރައީސް އޮފީހުގެ ވެރިއަކާ ގުޅޭގޮތުން ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަންގަވައިފިއެވެ.

ރައީސް އޮފީހުުގެ ކޮމިއުނިކޭޝަން ޑިރެކްޓަރާ ގުޅޭގޮތުން ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ނޫސްވެރިޔާ އަދި ކުރީގެ ބަންޑާރަ ނައިބު ޑރ.މުހައްމަދު މުނައްވަރުގެ ދަރިކަނބަލުން ރާއީ މުނައްވަރެވެ.

ރާއީ ބުނެފައިވަނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރާ ގުޅޭގޮތުން ޖިންސީ ފުރައްސާރައިގެ މައްސަލައެއް މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު އޭނަ ހުށަހަޅާފައިވާނެ ކަމަށެވެ. މި މައްސަލަ ފުލުހުންނަށާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށް ރާއީ ބުނެއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ރާއީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ ދެދުވަސް ކުރިން ރާއީ ކުރި މި ޓުވީޓަށް ޖަވާބުދެއްވައި ސީޕީ މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެ މައްސަލައާ ގުޅޭގޮތުން ފުލުހުންނާ ވާހަކަދައްކަވާފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު އަވަސްކޮށްދިނުމަށް އަންގަވާފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

މިފަހަކަށް އައިސް ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައާއި ޖިންސީ އަނިޔާގެ ތަފާތު މައްސަލަތަކުގެ އަޑުތައް ވަނީ ގަދަވެފައެވެ. ސަރުކާރުގެ އިސްސަފުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވެސް މިފަދަ ތުހުމަތުތައް ކުރެވޭއިރު، މިފަދަ މައްސަލައެއްގެ ތުހުމަތުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަގާމުން ވަކިކުރައްވާފައެވެ.