ބޭންކް އޮފް މޯލްޑިވްސް އިން މާލޭގައި ގާއިމްކޮށްފައިވާ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތަކުން ޚިދުމަތް ދިނުމަށް އޮންލައިން ކިއު ޓޯކަން ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި ބަދަލާއެކު، ކަސްޓަމަރުންނަށް އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ޚިދުމަތްތަކަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެ ކަމަށެވެ. އަދި އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެ ކުރިން އޮންލައިންކޮށް ބަލާލެވޭނެ ކަމަށެވެ.

ބޭންކުން ބުނީ ބޭންކިންގ ޚިދުމަތްދޭ ދުވަސްތަކުގެ ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެ ކަމަށެވެ. ގޫގުލް ޕްލޭ އަދި އެޕަލް އެޕް ސްޓޯރ މެދުވެރިކޮށް ކިއުބީ އެޕް ޑައުންލޯޑް ކޮށްލެވޭނެެއެވެ.

މި ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން ވާނީ ފަސޭހައިން ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފަ. މިއާއެކު އޮންލައިންކޮށް ހިދުމަތްތައް ފޯރުކޮށްދެވި، ކަސްޓަަމަރުންނާއި މުވައްޒަފުންނަށް ރައްކާތެރިކަން ހޯދައިދެވިގެންދިޔަ. އަޅުގަނޑުމެން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިންގ ހިދުމަތް ހޯދެއްވުމަށް. އޮންލައިން ކިއުގެ ހިދުމަތް ތައާރަފް ކުރުމުގެ ސަބަބުން ކޮންމެހެން ބްރާންޗަށް ވަޑައިގަންނަވަންޖެހޭ ކަސްޓަރުންނަށް ވަގުތު ސަލާމަތްކުރެވި، އަދި ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ

ކިއުބީ މެދުވެރިކޮށް މެއިން ބްރާންޗް، ކަސްޓަމަރ ސަރވިސް ސެންޓަރ، މާލެ ބިޒްނަސް ސެންޓަރ، ބީއެމްއެލް އިސްލާމިކް ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުގެ ހިދުމަތް ހޯދުމަށް ޓޯކެން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ބްރާންޗްތަކުގައި ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ކަސްޓަަމަރުންނަށް ބްރާންޗަށް ވަދެވޭނީ ހިދުމަތް ހޯދުމަށް އެޕް މެދުވެރިކޮށް ފެންނަ 'ވެއިޓިންގ ޕޮޒިޝަން' ގައި ދެ ކަސްޓަމަރުން މަޑުކޮށްގެން ތިބޭ ހާލަތުގައި ކަމަށް ވެސް ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އެކައުންޓް އޯޕަނިންގ ސެންޓަރާއި ލޯނު ސެންޓަރުގެ ޚިދުމަތާއި، އަދި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ލޯނުގެ ކަންކަން އަދި އެކައުންޓް ހުޅުވުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމުގައިވާތީ ބޭންކުގެ ވެބްސައިޓްގައިވާ އެޕޮއިންޓްމަންޓް ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. ނަމަވެސް އެޕޮއިންޓްމަންޓް އަދި އޮންލައިން ޓޯކަންއާ ނުލައި، އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުންނަށް ބްރާންޗްތަކުންނާއި ސަރވިސް ސެންޓަރުތަކުން ހިދުމަތް ލިބޭނެ ކަމަށް ބެންކުން ބުނެއެވެ.