• ހުކުރުދުވަހު އެކަނިވެސް 44 ދިވެހިންނާއެކު ޖުމްލަ 64 މީހުން ޕޮޒިޓިވް
  • ވޭތުވެދިޔަ 2 ދުވަހުވެސް ޕޮޒިޓިވް ކޭސްތައް އިތުރު
  • 19 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެނީ

އިތުރު 64 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހުކުރު ދުވަހުރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ބުރާސްފަތި ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ހުކުރު ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް ބައްޔަށް އިތުރު 64 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި، ބަނގްލަދޭޝްގެ 17 މީހުންނާއި، އިންޑިއާ 2 މީހުންނާއި، ނޭޕާލް މީހެކެވެ.

މިއީ، މާލެ ސަރަހައްދުގައި ހިންގާފައިވާ ލޮކްޑައުންގެ ހާލަތަށް ޖޫންމަހުގެ 15 ވަނަ ދުވަހު ފުރަތަމަ ލުއިތައްދީ އަދި އޭގެފަހުން މިޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެވަނަ ފިޔަވަހީގައި ލޮކްޑައުންއަށް ލުއިދިންފަހުން އެއްދުވަހެއްގައި މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ކޮވިޑް-19 ބަލީގެ ހާލަތާ ގުޅިގެން މާލެ ސަރަހައްދުގައި ހިންގާފައިވާ ލޮކްޑައުންއަށް ފުރަތަމަ ދެވުނު ލުޔާއެކުވެސް ޕޮޒިޓިވް ކޭސްތައް އެވްރެޖް ގޮތެއްގައި ހުރީ 25 އިން ދަށުގައެވެ.

އަދި ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެވަނަ ފިޔަވަހީގައި ލޮކްޑައުންއަށް ލުއިތައްދީ، އައު އާންމު ހާލަތުގެ އުސޫޅުތަކާއެކު ސްކޫލްތައް ހުޅުވައި، މިސްކިތްތައްވެސް މިވަނީ ޖަމާއަތުގައި ނަމާދުކުރުމަށް ހުޅުވަލާފައެވެ.

އަދި ކުޅިވަރާއި ރެކްރިއޭޝަން، ޖިމް އަދި ފިޓްނަސް ސެންޓަރުތަކާއި، ސްޕާ އަދި ސެލޫންތަކާއި، ހޮޓާ ރެސްޓޯރަންޓްތަކާއި، ވިޔަފާރިތައްވެސް އާންމުކޮށް ހުޅުވާލާފައި ވާއިރު، ޖުލައިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައްވެސް ވަނީ ހުޅުވާލާފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ރެކޯޑްތަކަށް ބަލާއިރު، ސަރުކާރު އޮފީސްތައް ހުޅުވާލި ފުރަތަމަ ދުވަހުވެސް 33 މީހުން ޕޮޒިޓިވް ވެފައި ވެއެވެ.

އޭގެފަހުން އަދަދުތައް ދަށްވަމުން ދިއުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު 36 އަށް އަރައިގެންދިޔައެވެ. އަދި ހުކުރުދުވަސް ވެފައިވަނީ، ލުއިތައް ދޭންފެށިފަހުން އެންމެ ގިނަ އަދަދަށް މީހުން ޕޮޒިޓިވްވި ދުވަހަށެވެ.

އަލަށް ޕޮޒިޓިވްވި 64 މީހުންނާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑުކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 2،617 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 11 މީހަކު ބައްޔަށް ޝިފާލިބި، ބަލިން ފަސޭހަވެފައިވާ ކަމަށެވެ.

މިއަދަދާއެކު، ރާއްޖެއިން ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދުވަނީ 2،238 އަށް އަރާފައެވެ. މިއީ، ބަލިޖެހުނު ޖުމްލަ މީހުންގެ 85.62 އިންސައްތައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 361 މީހުން ކަމަށެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދަނީ 19 މީހަކަށެވެ.

އައިސޮލޭޝަންގައި މިވަގުތު 300 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 97 މީހުންނެވެ.

މާލެ ސަރަހައްދުގައި ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށިއިރު، ލޮކްޑައުންއަށް ދެވުނު ލުޔާއެކު ކުރިޔަށް ދިޔުމާއި، އައު އާންމު ހާލަތުގައި ރައްކާތެރިވުމުގެ ގޮތުން ޢަމަލުކުރުމަށް އެޗްޕީއޭއިން އަންގާފައިވާ މުހިންމު އެންގުންތަކެއް އާންމުކޮށްފައި ވެއެވެ.

އެހެންނަމަވެސް، އާންމު ހާލަތުގައި އަމަލުކުރުމަށް އެކަށައަޅައި އާންމުކޮށްފައިވާ ފިޔަވަޅުތަކަށާއި، ދެވިފައިވާ އިރުޝާދުތަކަށްވެސް ބައެއް ފަރާތްތަކުން ބޯ ނުލަނބާކަން ސިއްހީ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

އަދި މަގުމަތީގައި އުޅުމުގައި މާސްކް އެޅުންވެސް މަދުވަމުންދާކަން ފާހަގަކޮށްފައި ވެއެވެ.