ގެސްޓްހައުސް އެސޯސިއޭޝަން (ގޭމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ސައުދުﷲ އަހުމަދު ހަސަން ދީދީ ވަކިކޮށްފިއެވެ.

ގޭމްއިން މިކަން ހާމަކޮށް ނެރުނު ބަޔާނެއްގައި އެ އެސޯސިއޭޝަނުން ބުނެފައިވަނީ ގޭމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުންނާއި، ހިންގާ ކޮމިޓީގެ މެމްބަރުކަމުގެ މަގާމުން ސައުދުﷲ ވަކިކުރުމަށް ގޭމްގެ ހިންގާ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

ސައުދުﷲ ވަކިކުރަން ކޮމިޓީން ނިންމާފައިވަނީ 14 މެމްބަރުންގެ އިއްތިފާގުންނެވެ. ސައުދުﷲ މަގާމުން ވަކިކޮށްފައިވަނީ ގޭމްގެ އިދާރީ ބަިއގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައެވެ.

ގޭމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ސައުދުﷲ ވަކިކޮށްފައިވާއިރު، މިދިޔަ ހަފުތާގެ ބުދަ ދުވަހު ގޭމްގެ ރައީސްގެ މަގާމުގައި ހުންނެވި މޫސާ ނާސިހު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ނާސިހު އިސްތިއުފާދެއްވާފައިވަނީ ގޭމްގެ ތެރެއިން ހިނގާ ޖިންސީ ގޯނާގެ މައްސަލަތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެން ނެތް ކަމަށް ވިދާޅުވެއެވެ.