ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން ފުރިހަމަ މައުލޫމާތު ހޯދައިގެން ވާހަކަދެއްކުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިކަމަށް އިލްތިމާސް ކޮށްފައި މިވަނީ، ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގެ އަޑުތައް ގަދަވެ، މި މައްސަަލައާ ދެކޮޅަށް ޖަމްއިއްޔާ، ޖަމާއަތްތަކުން އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން "ވޮއިސް އޮފް ޗިލްޑްރެން" އިން ވަނީ އިއްޔެ ވެސް މާލޭގެ މަގުތަކުގައި މުޒާހަރާ ކޮށްފައެވެ. ރައްޔިތުން މަގުމައްޗަށް ނުކުމެ އިންސާފު ހޯދުމަށް މަސައްކަތް ކުރަން ޖެހުނީ ފުލުހުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ޒިންމާ އަދާނުކުރެވޭތީ ކަމަށް މިފަދަ ބައެއް ޖަމްއިއްޔާތަކުން ބުނެއެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށްޓަކައި އިތުރަށް ކުރަންޖެހިފައި ހުރި ކަންކަން ހުރި ކަމާއި، ނަތީޖާ ހާސިލުވާނެގޮތަށް އިންތިޒާމުތައް ބަދަލުކޮށް، ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި މުޖުތަމައުގައި މިފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމާއި އިންސާފު ހޯދުމާއި، އަނިޔާ ލިބޭ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކަށް ތަރުހީބުދޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ ކުޑަކުދިންނާއި އަންހެނުންނަަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަން ޖެހުނީ ފުލުހުން ޒިންމާ އަދާނުކުރާތީ ކަމަށް ބުނެ މީޑިއާގެ ބައެއް ވަސީލަތްތައް މެދުވެރިކޮށް ވާހަކަދައްކަމުންދާތީ އެކަމާމެދު ކަންބޮޑުވާ ކަމަށެވެ. ޒިންމާދާރު ގޮތަކީ ކޮންމެ ކަމެއްގައި ވެސް އެކަމެއްގެ ފުރިހަމަ މައުލޫމާތު އެކަމަކާ ގުޅޭ ފަރާތްތަކުން ސާފުކުރުމަށްފަހު ނޫނީ އެކަމަކާ ގުޅޭގޮތުން ވާހަކަ ނުދެއްކުން ކަމަށެވެ.

ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރަކުރުންފަދަ މުޖުތަމައުގެ ކަންބޮޑުވުން ވަރަށް މަތީ ދަރަޖައަށް އޮތް، މިފަދަ ހައްސާސީ ކަންކަމުގައި، ވަކިން ޚާއްސަކޮށް، ކަމުގެ ހަގީގަތް ނުއޮޅޭގޮތަށް ވާހަކަދެއްކެވުމަށް އެންމެހާ ފަރާތްތަކަށް މި ސާވިސް އިން އިލްތިމާސް ކުރަމެވެ.
ފުލުހުންގެ ބަޔާން

ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައާއި އަދި އެނޫންވެސް އަނިޔާތައް ކުރުމުގެ މައްސަލަތަކަކީ ފުލުހުންގެ މުއައްސަސާއިން އަބަދުވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދެކޭ، ޚާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރަމުންދާ މައްސަލަތަކެއް ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ފުލުހުންގެ ތަހުގީގުތައް ހަރުދަނާކޮށް، ޒަމާނީ ބަދަލުތައް ގެނެވެމުންދާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ފުލުހުންގެ މުއައްސަސާއިން ނެރުނު ބަޔާނުގައި ވަނީ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މަސައްކަތް ކުރުމުގައި ފުލުހުންނަށް މަތިކުރެވިފައިވާ ގާނޫނީ ޒިންމާ އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި އިސް ސަފުގައި މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ. ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާއާއި ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް އިތުރުވަމުންދާ މިދަނޑިވަޅުގައި، އެފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު ލިބިއްޖެނަމަ އަވަހަށް ރިޕޯޓު ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.