މިދުވަސްވަރު މާލޭގެ ހާލަތު އޮތްގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އެންމެ ރަގަޅީ ގައިދުރުކަމުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ރާއްޖޭގެ ބައެއް، ދީނީ އިލްމުވެރިން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން މާލޭގެ މިސްކިތްތައް ބަންދުކޮށްފައި އޮތުމަށްފަހު، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭގޮތަށް ވަނީ ހުޅުވާލާފައެވެ. ގާތްގަނޑަކަށް ތިންމަސް ދުވަސް ފަހުން މިސްކިތްތައް ހުޅުވާލައި އިއްޔެއިން ފެށިގެން ވަނީ ހުކުރު ނަމާދު ވެސް ކުރަން ފަށާފައެވެ. ނަމަވެސް މިސްކިތުގެ ޖަމާއަތުން ގައިދުރުކަން ފެނިފައި ނުވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަލިމަޑުކަން ފެތުރިފައިވުންފަދަ ޝަރުއީ އުޒުރެއް މެދުވެރިވެގެން ގައިދުރުކޮށް ތިބެ ކުރާ ނަމާދުން ލިބޭ ސަވާބަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ. ނަމާދުގެ ސަވާބު ބިނާވެގެންވަނީ ނަމާދުގައި ހުޝޫއަތްތެރިވުމުގެ މައްޗަށް ކަމަށާއި އުޒުރަކީ އިސްތިސްނާ ހާލަތެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބަލިމަޑުކަން ފެތުރިއްޖެނަމަ އިސްލާމީ ޝަރީއާގެ އެންމެ މަތީ ފަސް މަގުސަދަށް އޭގެ ގެއްލުން ފޯރާ ކަމަށެވެ. އެގޮތުން ދީނާއި، ފުރާނައާއި، ބުއްދިއާއި، ނަސްލާއި، މުދަލަށް ގެއްލުންވާ ކަމަށެވެ. ދީން ބާވައިލެއްވުނީ މި ފަސް ކަންތައް ހިމާޔަތް ކުރުމަށް ކަމަށާއި މިކަންކަން ހިމާޔަތް ކުރުމުގެ ފިޔަވަޅުތަކަކީ ޝަރުއުގައި ގަބޫލުކުރެވިގެންވާ ކަންކަން ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން މާލޭގައި ބަލީގެ ހާލަތު މިވަގުތު އޮތްގޮތުން ޖަމާއަތުގައި ނަމާދު ކުރާއިރު އެންމެ ރަގަޅުވާނީ ގައިދުރުކޮށް ތިބެ ނަމާދުކުރުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނަމާދުގެ ޖަމާއަތާ ގުޅޭގޮތުން ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރާއިރު ސަފުހެދުމުގައި އެންމެ ރަގަޅު ގޮތަކީ ކައިރިކައިރީގައި ތިބުން ކަމަށެވެ. ނަމަވެސް އެކަށީގެންވާ ސަބަބަކަށްޓަކައި ދުރުދުރުގައި ތިއްބަސް ނަމާދު ސައްހަވާނެ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ މިހާރު ދިމާވެގެން އުޅެނީ އެފަދަ ސަބަބެއް ކަމަށާއި ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކުގައި ވެސް މިދުވަސްކޮޅު ޖަމާއަތުގައި ސަފުހަދަނީ ގައިދުރުކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މިނޫނަސް، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ގަބޫލުކުރައްވާގޮތުގައި، ބަލިމަޑުކަން ފެތުރިފައިވާ ވަގުތެއްގައި އިންސާނާގެ ރައްކާތެރިކަމަށްޓަކައި ޖަމާއަތުގެ ނަމާދުގައި ގައިދުރުކޮށް ތިބުމަކީ ހުއްދަ ކަމެކެވެ. އަދި ހާލަތަށް ރިއާޔަތްކޮށް އެންމެ މޮޅު ގޮތަކީވެސް އެއީ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް މިކަމުގައި ޚިޔާލުތަފާތު ބައެއް ބޭފުޅުން ވެސް އެބަތިއްބެވިއެވެ.

ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވީ ހަމައެކަނި ނަމާދަށް ސަފުހަދާއިރު ގައިދުރުކަން ބަހައްޓައިގެން ނުފުދޭނެ ކަމަށެވެ. ނަމާދަށް ސަފުހަދަންވީ ގޮތް ސުންނަތުގައި ވަރަށް ސާފުކޮށް އެބައޮތް ކަމަށާއި ނަމާދަށް ސަފުހެދުމުގައި ގައިދުރުކަން ބަހައްޓަންޖެހޭ ސަބަބެއް ރާއްޖޭގައި ނެތް ކަމަށެވެ. ޑރ.އިޔާޒު ވިދާޅުވީ ގައިދުރުކޮށް ސަފުހަދަން ބުނާ ސަބަބަކީ ބަލި ފެތުރުމުގެ ބިރުވެރިކަން އޮތުން ކަމަށް ވަނީނަމަ، މާސްކު އެޅުމުން ނުވަތަ 15 މިނިޓަށްވުރެ އަވަހަށް ނަމާދު ނިންމައިފިނަމަ އެޗުޕީއޭގެ މިންގަނޑަށް ފެތޭ ކަމަށާއި އެހެންކަމުން ގައިދުރުކޮށް ސަފުހަދަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަދީ އިސްލާމިކް މިނިސްޓްރީން އާންމުކުރި ނިންމުމުގައި ވަނީ ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އިރުޝާދު ދީފައެވެ. އެގޮތުން ގެއިން ވުޟޫކޮށްގެން ދިއުމާއި، އަމިއްލަ މުސައްލަ ގެންދިއުމާއި، މާސްކު އަޅައިގެން ދިއުންފަދަ ފިޔަވަޅުތައް ހިމެނެއެވެ. އަދި މިސްކިތަށް ވަދެނިކުމެ ހެދުމުގައި ގައިދުރުކަން ހިފަހައްޓަންވެސް އުސޫލުގައި ކަނޑައަޅާފައި ވީނަމަވެސް ނަމާދުގެ ޖަމާއަތުގެ ސަފުހެދުމުގައި ގައިދުރުކަމުގެ އުސޫލު ހިފަހައްޓާކަށް ނެތެވެ.

ނަމާދުގެ ޖަމާއަތުގައި ގައިދުރުކަން ނުފެންނާތީ ކަންބޮޑުވެގެން އުޅެނީ އަދިވެސް ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ރަގަޅު ނުވާތީއެވެ. ނަމަވެސް ގައިދުރުކަން ނުފެންނަނީ ހަމައެކަނި މިސްކިތްތަކުންނެއް ނޫނެވެ. ފުރަބަންދަށް ބޮޑެތި ލުއިތަކެއްދީ ހުޅުވާލާފައިވާއިރު، ކެފޭ/ރެސްޓޯރެންޓްތައް ވެސް ވަނީ ހުޅުވާލާފައެވެ. މިއިން އެއްވެސް ދިމާއަކުން އެޗުޕީއޭއިން އަންގާފައިވާ ގައިދުރުކަމުގެ އުސޫލުތަކަށް ތަބާވާ ތަނެއް ނުފެނެއެވެ.