ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓުކުރުމަށް، އެޕްލިކޭޝަނެއް މެދުވެރިކޮށް އޮންލައިންކޮށް ރިޕޯޓް ކުރެވޭނެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ބުނީ މިފަދައިން ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓްކުރުމަށް ބޭނުންވާ އެޕްލިކޭޝަން ފޯމު މާދަމައިން ފެށިގެން އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންކަމުން ވަޒީފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ބިދޭސީއަކު ގެއްލުމުން ރިޕޯޓުކުރަން ފޯމާއި އެހެނިހެން ލިޔެކިއުންތައް [email protected] އަށް އީމެއިލް ކުރުމުން އެކަން ބަލަމުންގެންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީގެ އިތުރުން ބިދޭސީމީހާ ގެއްލުނުކަން ރިޕޯޓު ކުރާ ދުވަހާ ހަމައަށް ވިސާ ފީ ދައްކާފައިވާކަމުގެ ލިޔުން އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންގެ ވެބްސައިޓުގައިވާ ނަމާ އެއްގޮތަށް ވަޒީފާ ދިން ފަރާތުގެ އިގުރާރު ހުށަހަޅަންޖެހޭނެ ކަމަށާއި ބިދޭސީމީހާ ގެއްލުނު މަހުގެ ކުރީމަހުގެ ނިޔަލަށް އޭނާއަށް މުސާރަ ދީފައިވާކަން އަންގައިދޭ ލިޔުމުގެ އިތުރުން ޕާސްޕޯޓު ހުށައަޅާނަމަ އެކަމަށް ޚާއްސަކޮށްފައިވާ ފޯމުވެސް ހުށަހަޅަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.