• އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 43 ދިވެހިން ހިމެނޭ

އިތުރު 47 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަލަށް ޕޮޒިޓިވް ވެފައިވަނީ 47 މީހުން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، 43 ދިވެހިންނާއި، ބަނގްލަދޭޝް 3 މީހުންނާއި، އިންޑިއާ މީހެކެވެ.

އަލަށް ޕޮޒިޓިވްވި 47 މީހުންނާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑުކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 2،664 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ބަލިން އިތުރަށް ފަސޭހަވެފައިވަނީ 30 މީހުން ކަމަށެވެ.

މިއާއެކު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ބައްޔަށް ޝިފާލިބި، ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދުވަނީ 2،268 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެގޮތުގައި ތިބީ 368 މީހުން ކަމަށެވެ.

ހެލ؛ްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވީ، އެކްޓިވް ކޭސަސްގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި އެޑްމިޓްކޮށްގެން އެކަކަށް ފަރުވާ ދެމުން ގެންދާ ކަމަށާއި، އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން 22 މީހަކަށް ފަރުވާދެމުން ގެންދާ ކަމަށެވެ.

އައިސޮލޭޝަންގައި މިވަގުތު 330 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 97 މީހުންނެވެ.

މާލެ ސަރަހައްދުގައި ހިންގާފައިވާ ލޮކްޑައުންގެ ހާލަތަށް ޖޫންމަހުގެ 15 ގައި ލުއިދޭން ފެށިގެން އިއްޔެއަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ އެކަނިވެސް 64 މީހުން އަލަށް ޕޮޒިޓިވްވެފައި ވެއެވެ.