• އަމީތާބާއި އަބީޝެކް ފިޔަވައި އެ އާއިލާގެ އެހެން ހުރިހާ މެމްބަރުން ނެގަޓިވް

ބޮލީވުޑްގެ މެގަސްޓަރ އަމީތާބް ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރީ ޚުދު އަމީތާބް ބައްޗަން ކުރި ޓްވީޓެއްގައެވެ.

ރިޕޯޓްތައް ބުނާގޮތުން، އަމީތާބު އެޑްމިޓްކޮށްފައިވަނީ މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލްގައެވެ.

އަމީތާބު ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނީ ބަލީހާލަތު ބޮޑުވެގެން ކަމެއް ސާފެއް ނުވެއެވެ.

އަމީތާބު ކުރި ޓްވީޓްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް އޭނާ ޕޮޒިޓިވް ވުމާ ގުޅިގެން އާއިލާ އެންމެންނާއި ސްޓާފުންވެސް މިހާރު ޓެސްޓް ހަދާފައިވާ ކަމަށާއި، އެމީހުންގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

އަދި ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި ބައްދަލުވެފައިވާ އެންމެންވެސް ޓެސްޓްކުރުމަށް އަމީތާބުވަނީ އެދިފައެވެ.

އެންމެފަހުން ލިބެމުންދާ ރިޕޯޓްތައް ބުނާގޮތުން، އަމީތާބުގެ ފިރިހެން ދަރިފުޅު އަބީޝެކް ބައްޗަންވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އެހެން ނަމަވެސް، އެ އާއިލާގެ އެހެން ހުރިހާ މެމްބަރުންވަނީ ނެގަޓިވް ވެފައެވެ.

ކޮވިޑް ޓެސްޓު ނެގަޓިވްވި މެމްބަރުންގެ ތެރޭގައި އަމީތާބުގެ އަނބިމީހާ އަދި ކުރީގެ ފިލްމީތަރި ޖަޔާ ބައްޗަންއާއި، އަބީޝެކްގެ އަނބިމީހާ އަދި މަޝްހޫރު ފިލްމީތަރި އައިޝްވާރިޔާ ރާއީ ބައްޗަންއާއި، އަމީތާބުގެ ކާފަދަރިވެސް ހިމެނެއެވެ.

އަމީތާބް (ކ) އަދި އޭނާގެ ފިރިހެން ދަރިފުޅު އަބީޝެކް (ވ) އަދި ކާފަދަރިފުޅު (މ)

އިންޑިއާގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މަގްބޫލްކަން ހޯދާދައިވާ އުމުރުން 77 އަހަރުގެ އަމީތާބް ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އިންޑިއާގައި ބަލީގެ ހާލަތު ވަރަށް ގޯހެވެ.

އިންޑިއާ މިހާރުވެފައިވަނީ މުޅި ދުނިޔެއިންވެސް ތިންވަނައަށް އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ގައުމަށެވެ.

އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 767،296 އަށް އަރާފައި ވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 21،129 އަށް އަރާފައެވެ.