- ބަލިޖެހޭ ދިވެހިންގެ އަދަދު އިތުރުވަނީ
- ހޮސްޕިޓަލްގައި އެޑްމިޓްކުރާ އަދަދު އިތުރުވެއްޖެ
- ފްލޫ ކްލިނިކަށް ދައްކާ އަދަދު އިތުރު، ކޮންޓެކްޓްވެސް އިތުރުވެއްޖެ
- ވަރަށް ފަރުވާތެރިވެ ފިޔަވަޅު ނާޅައިފިނަމަ ވަރަށްބޮޑު ގެއްލުމަކަށް ގޮސްދާނެ: ޑރ އަލީ
ޕޮޒިޓިވް ކޭސްތައް ގިނަވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭލެއް މަދުވާތީކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ، ލުއިދިނުމުގެ މާނައަކީ ހުރިހާ އެންމެން މަގުމައްޗަށް ނުކުމެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަޅާނުލާ އުޅުން ނޫން ކަމަށާއި، ނަމަވެސް މަގުމައްޗަށް ނުކުމެއުޅޭ މީހުން ވަރަށް ގިނަ ކަމަށެވެ. ބަލި ގިނަވާންޖެހޭ އަސްލު ސަބަބަކީ އެއީ ކަމަށް ވިދާޅުވިއެވެ.
ލޮކްޑައުން ނެގުމާ ގުޅިގެން މަގުމަތިންނާއި އެހެނިހެން ތަންތަނުން ފެންނަ މަންޒަރުތަކުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައި ގަންނަވާ ކަމަށާއި، ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތައްވެސް މަދުކަމަށް ޑރ. އަލީ ލަތީފް ފާހަގަ ކުރެއްވިއެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ، ކެފޭތަކުގައާއި ރެސްޓޯރަންޓްތަކުގެ ކުރިމަތީގަ މީހުން ޖަމާވެ ސިނގިރޭޓްބޯން ތިބޭ ތަންތަނާއި، އަދި ގައިދުރުކުރުމުގެ އެއްވެސް ކަހަލަ އުސޫލެއް ނުގެންގުޅޭކަން ފާހަގަ ކުރެއްވޭ ކަމަށާއި، މިގޮތަށް މިކަންތައް ދަންޏާ ކޮވިޑް އަނެއްކާވެސް ފެތުރިގެން ދިއުމުގެ ބިރު ވަރަށް ބޮޑަށް އެބައޮތްކަމަށެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ، ލޮކްޑައުން ނަގަން ޖެހުނީވެސް، އޭގެ ސަބަބުން ދިމާވި ދަތިތަކާއި، އެކަހަލަ ބައިވަރު ކަންތައްތަކާހެދިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ، ކުރިއާބަލާފަ ޕޮޒިޓިވްވާ ޖުމްލަ ކޭސްތައް ފެންނަލެއް މަދުނަމަވެސް، ދިވެހިންގެ ތެރޭގައި ބަލި ފެންނަލެއް ވަރަށް ގިނަވަމުންދާ ކަމަށެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ، ހޮސްޕިޓަލްގައި އެޑްމިޓްކުރާ ކޭސްތައްވެސް ގިނަވަމުންދާތަން ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އެގޮތުން، ޖޫންމަހުގެ ފަހު ހަފްތާއަށް ބަލާއިރު އެޑްމިޓްކުރީ ގާތްގަނޑަކަށް 4 އިންސައްތަ މީހުން ކަމަށާއި، ނަމަވެސް މި ޖުލައިމަހުގެ ފުރަތަމަ ހަފްތާއަށް ބަލާއިރު އެ ނިސްބަތް 15 އިންސައްތައަށް މައްޗަށްގޮސްފައިވާ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ، މިހާރު ފެންނަމުންދާ ކަންތައްތަކަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަންކަން ކަމަށެވެ. ކޮވިޑާ ގުޅިގެން މާބޮޑުކަމެއް ނުވާނެއޭ، ބައްޔެއް ނުޖެހޭނެއޭ، އަދި ބަލިޖެހުނަސް އެއްވެސްކަހަލަ ނުރައްކަލެއް ތިމަންނާއަކަށް ނުވާނޭ ކަމަށް ވަރަށް ގިނަމީހުންނަށް ހީވެފައި އޮންނަ ކަމަށެވެ. އެފަދަ ފަރާތްތަކަށް ޑރ. އަލީ ލަތީފްވަނީ އިންޒާރު ދެއްވާފައެވެ.