މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައި، ޤައުމީ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފިއެވެ.

މި މަހުގެ 7 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މި އަހަރު ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، އިނާމަށް މި އަހަރު އިޢުލާނު ކުރުމަށް އެ މަޖިލީހުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާފައެވެ. އަދި ކޮވިޑުގެ ޙާލަތު އެވަގުތަކު އޮތް ގޮތެއްގެ މައްޗަށް ބަލައި، މުނާސަބަތު ފާހަގަކުރެވޭ ގޮތަށް ޙާލަތު ބަދަލުވެއްޖެނަމަ، ޤައުމީ ދުވަހުގެ ޖަލްސާއާއި، ޖުމްހޫރީ ދުވަހުގެ ޖަލްސާ ބޭއްވެވުމަށާއި، ޖަލްސާ ބޭއްވޭނެގޮތް ނުވެއްޖެނަމަ، އެވަގުތުގެ ޙާލަތަށް ރިޢާޔަތް ކުރައްވައިގެން އިނާމު ދެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ލަފާއަރުވާފައެވެ.

ޤައުމީ އިނާމު މިއަހަރުވެސް ދޭން ނިންމާފައިވަނީ، މައިގަނޑު 33 ދާއިރާއަކުންނެވެ.

މި ދާއިރާތަކާއި، މި ދާއިރާތަކުގެ ރޮނގުތަކާ ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި، އެހެނިހެން މުއައްސަސާތަކުގެ ޚިޔާލު މި އަހަރުވެސް ހޯއްދަވައި، ގެންނަންޖެހޭ ބަދަލުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ގެންނެސްފައެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސާފައެވެ.

ޤައުމީ އިނާމަށް ވަކިވަކި ފަރުދުންނާއި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ނަން ހުށަހަޅާނީ، އެކަމަށް ކަނޑައެޅިފައިވާ

ޚާއްސަ ފޯމަކުންނެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ އެންމެފަހު މުއްދަތަކީ، އަންނަ މަހުގެ 13ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 2:00 ޖެހުމާ ހަމައަށެވެ.

މި އަހަރު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ 4ވާ އަންގާރަ ދުވަހުން ފެށިގެން އެމަހުގެ 13ވާ ބުރާސްފަތި ދުވަހާ ދެމެދު ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދުއެވެ.

ފޯމު ފޮނުވަންޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ޤައުމީ އިނާމާބެހޭ މަޢުލޫމާތު ދީ، ހޭލުންތެރިކަން އިތުރުކުރުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ޚާއްޞަ ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދަން ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމަވާފައެވެ.