ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއްގައި ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ގެ، ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައަކާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރުކަމުން އަލީ ވަހީދު ވަކިކުރުމާއެކު ފުލުހުން ވަނީ އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލަ ބަލަން ފަށާފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އަލީ ވަހީދު ދިރިއުޅުއްވާ ގެއަށް ގޮސް ބަލައި ފާސްކޮށްފައެވެ.

އަލީ ވަހީދު ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމުގެ ތެރެއިން ހެކި ހޯދުމަށް ބޭނުންވާ ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުރައިގެން ދިޔުންވެސް ކޯޓު އަމުރެއްގެ ދަށުން މަނާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރޭގައި އަލީ ވަހީދުގެ ފޯނުވެސް ހިމެނެއެވެ. އަދި ޕާސްޕޯޓުވެސް ހިފަހައްޓާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ޖިންސީ ގޯނާއާ ގުޅުންހުރި މައްސަލަތަކެއްގައި އަލީ ވަހީދު މަގާމުން ވަކިކޮށްފައިވާއިރު، ސަރުކާރުގެ އަންހެން ވަޒީރަކާ ގުޅޭގޮތުންވެސް ވަރަށް ބޭއަދަބީ މޭރުމަކުން ވާހަކަދައްކާ އޯޑިއޯއެއް ވަނީ ލީކުވެފައެވެ.

މިފަދަ އެތައް މައްސަލައަކާ ގުޅިގެން އަލީ ވަހީދު ޓުއަރިޒަމް މިނިސްޓަރ ކަމުގެ މަގާމުން ވަކިކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ޓުއަރިޒަމް މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލާ ހަވާލުކުރައްވާފައެވެ،

މިދުވަސްވަރު ޖިންސީ ގޯނާއާ ގުޅުންހުރި ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާއިރު، މިވަގުތު ހޯމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ ގެ މައްޗަށް ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރާ އޯޑިއޯއެއްވެސް ވަނީ ލީކުވެފައެވެ. އެހެންނަމަވެސް މިފަދަ އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި އޯޑިއޯގެ ސައްހަކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.