ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސާއި މެންބަރަކު ކޮމިޝަނުން އިސްތިއުފާ ދެއްވައިފިއެވެ.

އެޗްއާރުސީއެމުން މިއަދު އިސްތިއުފާދެއްވީ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އާމިނަތު އީނާސް އާއި މެންބަރު އާއިޝަތު އަފްރީން މުހައްމަދެވެ.

މިދެބޭފުޅުން އިސްތިއުފާ ދެއްވާފައި މިވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުން މަގާމުގެ ޒިންމާ އަދާނުކުރާ ކަމަށް ބުނެ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމާފައި ވަނިކޮށެވެ. މީގެ އިތުރަށް، ކޮމިޝަނުގެ ހަތަރު މެންބަރެއްގެ ދައުރު ހަމަވާތީ އެޗްއާރުސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިމަހުގެ 6 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.

މެންބަރުކަމުގެ ދައުރު ހަމަވާން ގާތްވެފައިވާ ބޭފުޅުންގެ ތެރޭގައި މިއަދު މަގާމުން އިސްތިއުފާދެއްވި އީނާސް އާއި އަފްރީން ހިމެނިވަޑައިގަނެއެވެ. ދައުރު ހަމަވާ އަނެއް ދެބޭފުޅުންނަކީ މެމްބަރުންގެ ގޮތުގައި ތިއްބެވި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އެވެ. މި ބޭފުޅުން ފިޔަވައި ދެން އެޗްއާރްސީއެމްގައި ހުންނަވާ އެ ކޮމިޝަނުގެ ނާއިބުރައީސް މުހައްމަދު ޒާހިދު އެ ކޮމިޝަނަށް އައްޔަންކުރެއްވީ 2017 ވަނަ އަހަރެވެ. އެހެންކަމުން ޒާހިދުގެ ދައުރު ހަމަވާން އަދި ދެއަހަރު އެބައޮތެވެ.

އެޗްއާރްސީއެމްގެ ރައީސާއި މެންބަރަކު އިސްތިއުފާ ދެއްވާފައިވާއިރު ކޮމިޝަނުގެ މެންބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ނިންމާފައިވަނީ ގިނަ ތުހުމަތުތަކަކާ އެކުއެވެ. އޭގެ ތެރޭގައި އަނިޔާއާ ގުޅުންހުރި މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބެލިފައި ނެތުމާއި، އެޗްއާރްސީއެމާ ގުޅުންހުރި މައްސަލަތަކެއްގައި ދޮގު މައުލޫމާތު ކޮމިޓީއަށް ދީފައިވުން ހިމެނެއެވެ.