- އަލަށް ޕޮޒިޓިވްވި 67 މީހުންގެ ތެރޭގައި 52 ދިވެހިން
- ބަލިން ފަސޭހަވީ 16 މީހުން
ލޮކްޑައުންއަށް ލުއިދިންފަހުން އަނެއްކާވެސް ރެކޯޑު އަދަދަކަށް މީހުން އަލަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 67 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި، ބަނގްލަދޭޝްގެ 14 މީހުންނާއި، އިންޑިއާ މީހެކެވެ.
މިއީ، މާލެ ސަރަހައްދުގައި ހިންގާފައިވާ ލޮކްޑައުންގެ ހާލަތަށް މިދިޔަ ޖޫންމަހުގެ 15 ވަނަ ދުވަހުން ފެށިގެން ލުއިދޭން ފެށިގެން އެއް ދުވަހެއްގައި މިހާ ގިނަބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
މީގެކުރިން އެންމެ ގިނަމީހުން ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެދުވަހުވެސް 64 މީހުން ޕޮޒިޓިވް ވެފައި ވެއެވެ.
މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް މިހާތަނަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 2،731 އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ފަސޭހަވެފައިވަނީ 16 މީހުން ކަމަށެވެ.
މިއާއެކު، ރާއްޖެއިން ބައްޔަށް ޝިފާލިބި، ބަލިން ފަސޭހަވެފައިވާ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ޖުމްލަ އަދަދުވަނީ 2،284 އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެގޮތުގައި ތިބީ 419 މީހުން ކަމަށެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 19 މީހަކަށެވެ.
އައިސޮލޭޝަންގައި މިވަގުތު 353 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 71 މީހުންނެވެ.
ހުރިހާވެސް މައްސަލައަކީ ސިޔާސަތު މާބޮޑަށް ދޯހަޅީ.
އެޗްޕީއޭއިން ނަގަންޖެހޭ ޒިންމާވެސް ނުނެގޭތީވެ މީހުންގެ އަދަދު ގިނަވާނީ... ޓެސްޓްގެ ރިޕޯޓް 5 ދުވަސް ވެގެންދާއިރު ނުލިބޭ... ދެން ކެތްމަދު ދިވެހިން ގެޔަކު މަޑެއް ނުވޭ...