• ބަލި ކޮންޓްރޯލް ކުރަން އަދިވެސް ފުރުސަތު އެބައޮތް
  • ވޭތުވެދިޔަ 24 ގަޑިއިރު އެކަނިވެސް ދުނިޔެއިން 230،370 މީހުން ޕޮޒިޓިވް
  • ބައެއް ގައުމުތައް އަލުން ލޮކްޑައުންއަށް

ކޮވިޑް-19 ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ހަރުކަށިކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން ދުނިޔޭގެ ގައުމުތަކަށް ގޮވާލައިފިއެވެ.

ޖެނީވާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމްވަނީ، ވައިރަސް ފެތުރުން ހުއްޓުވަން އިތުރު ހަރުކަށި ގޮތްތަކެއް އިޚްތިޔާރު ކުރުމަށް ގައުމުތަކަށް ގޮވާލައްވާފައެވެ.

ޑރ. ޓެޑްރޯސްގެ ވާހަކައިގައި، އިޓަލީ، ސްޕެއިން، ދެކުނު ކޮރެއާ އަދި އިންޑިއާގެ އެންމެބޮޑު ސްލަމްގައި ބަލިފެތުރުން ކޮންޓްރޯލްކުރަން އެޅި ހަރުކަށި ފިޔަވަޅުތައް ފާހަގަ ކުރައްވާފައި ވެއެވެ.

ބަލީގެ ހާތަލު ކިތަންމެ ގޯސްނަމަވެސް، ބަލި ފެތުރުން ހުއްޓުވިދާނެކަން އެގައުމުތަކުން ސާބިތުކޮށްދީފައި ވާކަން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. އެކަމަށް އަދިވެސް ފުރުސަތު އެބައޮތްކަމަށް ވިދާޅުވިއެވެ.

"ލޮކްޑައުންގެ ހާލަތަށް ލުއިދިން ބައެއް ގައުމުތަކުގައި މިފެންނަނީ އަލުން ކޭސްތައް އިތުރުވަމުންދާތަން. މިބަލީގެ ހާލަތު އަނެއްކޮޅަށް އަނބުރާލެވޭނީ ގައުމީ އެއްބައިވަންތަކާއެކު ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން"
ޑރ. ޓެޑްރޯސް އަދަނޮމް

ކޮވިޑް-19 ބަލި ފެތުރުން ހުއްޓުވައި، ކޮންޓްރޯލް ކުރުމަށް އިތުރު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޑަބްލިޔޫއެޗްއޯގެ ވެރިޔާ ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައި ވާއިރު، ބަލި އަލުން ފެތުރޭން ފެށުމާ ގުޅިގެން ދުނިޔޭގެ ބައެއް ގައުމުތަކުން ގެންދަނީ އަލުން ލޮކްޑައުންކޮށް، އާންމުންގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންނެވެ.

މީހުން ތޮއްޖެހިފައިތިބޭ ތަންތާނގައާއި، ބަންދުވެފައި ހުންނަ ތަންތަނުގެ ތެރޭގައި ވައިގެ ތެރޭގައި އެތައް އިރެއްވަންދެން ވައިރަސް ހުންނަކަން ހާމަވަމުންދާއިރު، މިކަމުގެ ނުރައްކާ އިތުރަށް ބޮޑުވެ، ދުނިޔޭގައި ކަންބޮޑުވުންތައް އުފެދިފައި ވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު 565،138 އަށް އަރާފައިވާއިރު، ދުނިޔޭގެ 196 ގައުމަކާއި ޓެރިޓަރީން 12.7 މިލިއަނަށްވުރެ ގިނަމީހުންނަށް ބަލި ޖެހިފައިވާކަމަށް މިހާތަނަށް ރެކޯޑުކުރެވިފައި ވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު އެކަނިވެސް ދުނިޔެއިން 230،370 މީހުން އަލަށް ޕޮޒިޓިވް ވެފައިވާކަން ޑަބްލިޔޫއެޗްއޯއިން ފާހަގަކޮށްފައި ވެއެވެ.

ބަލީގެ ހާލަތު އެންމެ ގޯސް ގައުމަކީ އެމެރިކާއެވެ. ދެވަނައަށް ބްރެޒިލްއެވެ. ތިންވަނައަށް އިންޑިއާއެވެ.

އިންޑިއާއިން ފާއިތުވި 24 ގަޑިއިރު އެކަނިވެސް 28،637 މީހުން ޕޮޒިޓިވް ވެފައިވެއެވެ. ބަލީގެ ހާލަތު އިތުރަށް ގޯސްވާން ފެށުމާ ގުޅިގެން އިންޑިއާއިން މިހާރުވަނީ ބެގަލޫރު ހަފްތާއަކަށް ލޮކްޑައުންކޮށްފައެވެ.

މާޗްމަހު އިޢްލާންކުރި ލޮކްޑައުންއަށް ލުއިދިނުމަށްފަހު އުޒްބަކިސްތާނުން މިދިޔަ ހުކުރު ދުވަހުންފެށިގެން އަލުން ލޮކްޑައުންއަށް ގޮސްފައިވާއިރު، އޮސްޓްރޭލިއާގެ ދެވަނައަށް އެންމެބޮޑު ސިޓީ ކަމަށްވާ މެލްބަރން ބުރާސްފަތި ދުވަހުންފެށިގެން އަލުން ވަނީ ލޮކްޑައުންކޮށްފައެވެ.

ހޮންގްކޮންގުން އަންގާރަ ދުވަހުން ފެށިގެން އައު ކްލަސްޓަރތައް ފެންނަން ފެށުމާގުޅިގެން، އެކަމުގެ ކަންބޮޑުވުން އުފެދިފައިވާ ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

ފަރަންސޭސިވިލާތުގައިވެސް އަލުން ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށާފައިވާއިރު، މެދުއިރުމަތީގެ ގިނަ ގައުމުތަކުންވެސް ކޭސްތައްވަނީ ރެކޯޑު އަދަދަކަށް މައްޗަށް ގޮސްފައެވެ.

ދެކުނު އެފްރިކާގެ ހާލަތު އިތުރަށް ގޯސްވާން ފެށުމާ ގުޅިގެން އަލުން ލޮކްޑައުންއަށް ދިއުމަށް އެގައުމުން ދަނީ ވިސްނަމުންނެވެ. ދެކުނު އެފްރިކާގެ ހެލްތު މިނިސްޓަރ ވިދާޅުވީ، ދެކުނު އެފްރިކާ މިހާރު ދަތުރުކުރަމުންދަނީ ކޮވިޑް-19 ގެ "ތޫފާނަކާ" ދިމާއަށް ކަމަށެވެ.

އީރާނުގައި އަލުން ބަލި ފެތުރޭން ފެށުމާ ގުޅިގެން، މިކަން ހުއްޓުމަކަށް ގެނައުމުގައި އާންމު ރައްޔިތުން އެމީހުންގެ ޒިންމާ އަދަކުރުމަށް އީރާނުގެ ރައީސްވަނީ ގޮވާލައްވާފައެވެ.