ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 3677 މީހަކު މިހާތަނަށް އަނބުރާ ގައުމަށް ފޮނުވައިލެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރާއި ދިވެހި ސަރުކާރާ ގުޅިގެން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން ގައުމީ އެއާލައިން މޯލްޑިވިއަންއާއި ގުޅިގެން ބާއްވާ މި ދަތުރުތަކުގައި ހަފްތާއެއްގެ މައްޗަށް 400 އެއްހާ މީހުން އަނބުރާ ގައުމަށް ފޮނުވާލަމުންދާއިރު، އިއްޔެއާއި މިއަދުވެސް މޯލްޑިވިއަންގެ ފްލައިޓު ޑާކާއަށް ދަތުރުކޮށްފައިވެއެވެ.

މިއަދުގެ ފްލައިޓުންވެސް މުޅިއެކު 200 މީހުން ދަތުރުކޮށްފައިވާއިރު މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން މިހާތަނަށް 3677 މީހަކު އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށެވެ.

އަދި މިކަމާއި ގުޅިގެން މޯލްޑިވިއަންއިން ކޮށްފައިވާ ޓްވީޓުގައި އެ އެއާލައިނުން ވަނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެ ބިދޭސީން ގޮވައިގެން މިހާތަނަށް މޯލްޑިވިއަންއިން މުޅިއެކު 20 ދަތުރެއް ކޮށްފައިވާކަން ފާހަގަކޮށްފައެވެ.

ރާއްޖޭގައި އެތައް ބިދެސީ މަސައްކަތްތެރިންނެއް ދިރިއުޅެމުންދާއިރު މި މީހުންގެ ތެރެއިން 65،000 އަށްވުރެ ގިނަ މީހުންނަކީ ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނެވެ. މި މީހުން ދިރިއުޅެމުންދަނީ ގިނަ ބަޔަކު އެއް ތަނެއްގައި ތޮއްޖެހިގެން ކަމުން، ކޮވިޑް-19 އާއި ގުޅިގެން ދިރިއުޅޭ ތަންތަނުގެ ތޮއްޖެހުން ކުޑަކުރުމަށް ދިވެހި ސަރުކާރުން ގެންދަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެން ގަވާއިދާ ހިލާފަށް އުޅޭ އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

މި ދަތުރުތަކުގައި ގަވާއިދާ އެއްގޮތަށް އުޅޭ މީހުންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުންވެސް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.