ޓެކުހާއިި ގުޅުންހުރި ފައިސާއާއި އެހެނިހެން ފައިސާ ބަލައިގަތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އޮންލައިން ކޮށްފިއެވެ.

މީރާއިން މިކަމާއި ގުޅިގެން ނެރެފައިވަ ބަޔާނުގައި ވަނީ ޓެކުހުގެ އިތުރުން މިރާއަށް ބަލައިގަންނަ އެހެނިހެން ފައިސާގެ ތެރެއިން މީގެކުރިން އޮންލައިންކޮށް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެހިފައިނުވާ ފައިސާ މިހާރު އޮންލައިންކޮށް ބަލައިގަންނާނެ ކަމަށެވެ. އެހެންކަމުން މީގެ ކުރިން އެ އޮތޯރިޓީން އޮންލައިންކޮށް ބަލައިގެންފައިނުވާ ފައިސާ ބަލައިގަތުން ހަމަޖެހިފައިވަނީ މީރާގެ އޮންލައިން ހިދުމަތެއް ކަމުގައިވާ "ވާރުޕޭ" މެދުވެރިކޮށް ކަމަށް މީރާއިން ބުނެއެވެ.

ވާރުޕޭ މެދުވެރިކޮށް މިހާރުވެސް ކުންފުނިތަކުގެ އަހަރީ ފީއާއި، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީއާއި، ޓްރެފިކާއި ގުޅޭގޮތުން ކުރާ ޖޫރިމަނާއާއި، މުދަލު ޒަކާތާއިި މިނޫންވެސް ބައެއް ފައިސާ ދަނީ ބަލައިގަންނަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ހުރިހާ ފައިސާއެއްވެސް ވާރުޕޭ މެދުވެރިކޮށް ބަލައިގަންނާނެ ކަމަށް މީރާއިން ބުނެއެވެ. މީރާއިން ބުނީ ވާރުޕޭގެ ހިދުމަތް މީރާގެ ވެބްސައިޓް މެދުވެރިކޮށްގެންނާއި، މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ވާރުޕޭ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކުން ފައިސާގެ ރަސީދު ގެއްލިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފައިސާގެ ރަސީދުގެ ކޮޕީއެއް ބޭނުންވެއްޖެނަމަ ވާރުޕޭ މެދުވެރިކޮށް ފައިސާގެ ރަސީދުވެސް މިހާރު ޑައުންލޯޑް ކުރެވޭނެ ކަމަށް މީރާއިން ބުނެއެވެ. އަދި މީރާ ކަނެކްޓުގެ ހިދުމަތަށް ރަޖިސްޓަރީކޮށްފައި ނުވާ ފަރާތްތަކަށްވެސް ޖީއެސްޓީ ސުން ބަޔާން ފަސޭހަކަމާއެކު ހުށަހެޅޭނެ ކަމަށްވެސް މީރާއިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މީރާގެ ގިނަ ހިދުމަތްތަކެއް މިހާރު އޮންލައިން ކުރެވިފައިވާއިރު، އެންމެންގެވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް މީރާއިން އިލްތިމާސްކުރެއެވެ.