ފަހަކަށް އައިސް ބިދޭސީން ހިންގަމުންދާ ހަމަނުޖެހުންތަކަކީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ސިޔާސީ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ ބިދޭސީންނަށް މުސާރަ ނުލިބި، ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެންނެވެ.

ބިދޭސީންގެ މައްސަލާގައި ގައުމީ ސަލާމަތުގެ ކޮމިޓީއަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހާޒިރުވެވަޑައިގެން އިންނަވަނިކޮށް މަޖިލީހުގެ ތަޅުމަށް މި މައްސަލަ ހުށަހެޅުމުން، ތަޅުމަށް ވަޑައިގެން މިކަމުގައި ވާހަކަދެއްކެވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފުރުސަތު ދެއްވާފައެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ދިވެހި މުޅި ތާރީޚުގައި އެންމެ ހަޑިމުޑުދާރުކޮށް ހިނގާފައި އޮތް ކަންތައް ކަމަށާއި މިއީ އިންސާނުންތަކެއް ވިއްކައިގެން ހިންގާފައި އޮތް ބޮޑު ޖަރީމާއެއް ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ ބޭނުމަކީ ބިދޭސީން ފޮނުވާލުން ނޫން ކަމަށާއި ގަވާއިދާ ޚިލާފަށް ތިބި މީހުންގެ މައްސަލައަށް ހައްލު ގެނައުން ކަމަށެވެ. ހައްލުކުރެވެންދެން ބަންގްލަދޭޝްގެ އާދައިގެ މަސައްކަތްތެރިން ގެނައުން މަނާކުރުމުން ވަރަށް ބޮޑު ހައްލެއް ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 62،000 މީހުން ލިޔެކިޔުން ނެތި އުޅެމުންދާ ކަމަށް ރިކޯޑުތަކުން ދައްކާއިރު އެއަށްވުރެ އެ އަދަދު ގިނަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީހުން ފޮނުވާލަނީ ރުހުމުގައި ކަމާއި ބަންގްލަދޭޝް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭކަން ފަހަގަކުރެއްވިއެވެ. މިވާހަކައިގެ ތެރެއިން މިހާރު ހިނގަމުންދާ ބިދޭސީންގެ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވަނީ އެއީ ބަޔަކު އަޑީގައި ތިބެގެން ކުރުވާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މިވަގުތުގެ މިކަންކަމުގައި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ބިދޭސީން ބޭނުންކޮށްގެން މުޒާހަރާކުރުމާއި، މިކަންކަން ކުރާ ކަމީ އެއީ އަޅުގަނޑުމެންނަށް އެގޭ ހަގީގަަތެއް. ސިޔާސީ ކަންކަން އޮންނާނީ ވެސް އެހެން. އަޅުގަނޑުމެން ވިސްނުންތެރިކަމާއެކު މިކަމުގައި އަމަލުކުރަންޖެހޭނީ. ރައްޔިތުން ވެސް މިކަމުގައި ކެތްތެރިވާން ޖެހޭ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް

މިނިސްޓަރު ވިދާޅުވީ މިއީ އެންމެ ދުވަހަކުން ހައްލުވާނެ ކަމެއް ނޫން ކަމަށާއި ނަމަވެސް ރަގަޅު ފިޔަވަޅުތަކެއް އަޅަމުންދާ ތަން ކޮންމެ މީހަކަށް ވެސް ފެންނާނެ ކަމަށެވެ. މިއަހަރުގެ ނިޔަލަށް، ލިޔެކިޔުން ނެތް 20،000 މީހުން އެމީހުންގެ ރުުމުގައި ފޮނުވާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މުސާރަ ނުދެވުމުން ވިޔަފާރިވެރޔާގެ މުދާ ނަގައި ވިއްކާލެވެން ގާނޫނީގޮތުން ނޯންނަ ކަމަށާއި މުސާރައިގެ މައްސަލަ ހައްލުކުރުމަށް މުއައްސަސާތައް ހެދިފައިވާ ކަމަށެވެ. ނަމަވެސް ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ވެސް މާބޮޑު ފިޔަވަޅެއް އެޅެން ނޯންނަކަން ވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ދެފަރާތުން ވާހަކަދައްކައިގެން ކަންކަން ހައްލުކުރެވޭތޯ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ބިދޭސީންނާމެދު ކަންހިނގާފައި އޮތް ގޮތާމެދު ދިވެއްސެއްގެ ހައިސިއްޔަތުން ލަދުގަންނަ ކަމަށާއި ނަމަވެސް ސިޔާސީ ބޭނުމަކަށްޓަކައި މިކަންކަން އިތުރަށް ގޯސްކުރުމަށް ބަޔަކު މަސައްކަތް ކުރާތީ ކަންބޮޑުވާ ކަމަށެވެ. އެއީ އިދިކޮޅު ފަރާތްތަކުން ކުރާ ކަމެއްގެ ގޮތުގައި ނުބައްލަވާ ކަމަށާއި ނަމަވެސް ސިޔާސީ ކޮންމެވެސް މަގުސަދެއް ހާސިލްކުރުމަށް ގައުމު ހަލަބޮލި ކުރުމަށް ބަޔަކު ކުރާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީންގެ މުޒާހަރާތަކަކީ ބަޔަކު އަޑީގައި ތިބެގެން ކުރުވާ ކަމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރައްވާފައިވާއިރު، ބިދޭސީންނަށް މުސާރަ ނުލިބިގެން މުޒާހަރާކޮށް ހަމަނުޖެހުން ހިންގުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ހުޅުމާލޭގައި މިއަދު ބިދޭސީން ކުރި މުޒާހަރާގައި ވެސް ވަނީ ފުލުހުންނަށް ހަމާލާދީ ހަމަނުޖެހުން ހިންގާފައެވެ.