ބޭނުންކޮށްފައި ހުންނަ މާސްކާއި އަންގި ފަދަ ތަކެތި މަގުމައްޗަށް އުކުން އިތުރުވެފައިވާ ކަމަށާއި އެކަން އެހެން ނުކުރުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.
ވެމްކޯއިން ބުނީ އެކުންފުނީގެ ފަރާތުން މަގުތައް ސާފުކުރާ މީހުން މިކަން ފާހަގަކޮށްފައިވާކަމަށެވެ. މިއީ އެހެން މީހުންނަށާއި ޚާއްސަކޮށް ކުނި ކަހާ މަގުތައް ސާފުކުރުމަށް މަސައްކަތް ކުރާ އެ ތަނުގެ މުއައްޒަފުންނަށްވެސް އެކަމުގެ ނުރައްކާ އޮތް ކަމަކަށްވާތީ އެކަން އެހެން ނުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކަން އެހެން ނުކުރުމަށްވެސް ވެމްކޯއިން އެދެއެވެ.
ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއި ގުޅިގެން ގިނަ ބަޔަކު އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް އުޅޭކަން ޓެގް ޓީމުން ވެސް ފާހަގަކުރެއެވެ. އަދި މިކަމުގެ ސަބަބުން ބަލިޖެހޭ މީހުންގެ ނިސްބަތް އިތުރުވެދާނެ ކަމުގެ އިންޒާރުވެސް އެ ޓީމުން ދެއެވެ.
މިފަހަކަށް އައިސް ކޮވިޑު ޖެހޭ މީހުންގެ ނިސްބަތް އިތުރު ވެފައިވާއިރު މީގެ ތެރޭގައި ގިނައީވެސް ދިވެހިންނެވެ.
މިގޮތުން އިއްޔެ 67 މީހުން ޕޮޒިޓިވްވިއިރު މީގެ ތެރެއިން 52 މީހުންނަކީ ދިވެހިންނެވެ.