ކުރީގެ ނާއިބުރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއެއް ބާތިލްކޮށް، މިނިވަން ވެއްްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން އެންމެ ފަހުން އަދީބުގެ މައްޗަށް އުފުލީ ހަތް ދައުވާއެކެވެ. އޭގެ ތެރޭގައި ހިމެނެނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއަކާއި އަދި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

ކްރިމިނަލް ކޯޓުން އޮންލައިންކޮށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ މިހުރިހާ ދައުވާއެއް ބާތިލްކޮށްފައެވެ. މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމަކީ ދައުވާތަކާމެދު ޝަރީއަތުން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.

އަދީބަށް ފަހުން އުފުލި ދައުވާތަކަކީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އަދީބާއެކު އެކުލަވާލި އެއްބާރުލުންދިނުމުގެ އެއްބަސްވުމުގެ ދަށުން އުފުލި ދައުވާތަކެކެވެ. އެ އެއްބަސްވުމުގެ ދަށުން، ޖިނާއީ އިޖުރާއަތުގައި ބުނާފަދަ އިއުތިރާފު އެއްބަސްވުމެއް ވެސް އަދީބާއެކު ދައުލަތުން ހަދާފައި ވެއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަލުގައި ހުންނެވިއިރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމުގެ ޔަގީންކަން އޭރުގެ ޕީޖީ އާއިޝަތު ބިޝާމާއި ފުލުހުންގެ އިސްވެރިން ދެއްވުމުން ކަމަށް މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އަދީބު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން މިއަދުގެ އަޑުއެހުމުގައި ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވީ ބޭސްފަރުވާއަކީ އެއްވެސް ތަފާތެއް ނެތި ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ ހައްގެއް ކަމަށާއި ބޭސްފަރުވާ ލިބޭނީ ވަކި ކުށްތަކަކަށް އިއުތިރާފުވުމުން ކަމަށް ޝަރުތުކޮށް އެއްބަސްވުމެއް ނުހެދޭނެ ކަމަށެވެ. އެއީ ދައުލަތަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި ދައުލަތުން އަމަލުކޮށްފައިވާ ގޮތުން އެއްކުށަކަށް ދެފަހަރަށް ދައުވާ ނުކުރުމުގެ ޔަގީންކަން ވެސް ގެއްލި ހިނގައިދާނެ ކަމަށެވެ. އަދި ދައުވާތައް ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގައި ބުނާ މުއްދަތު ވެސް ހަމަވި ފަހުން ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން ދައުލަތުން އަދީބާއެކު ހެދި އެއްބަސްވުމާއި އަދި އެއްބަސްވުމުގެ ދަށުން ހޯދި އިއުތިރާފުގެ ބަޔާން ވެސް ސައްހަ ނޫން ކަމަށް ކަނޑައަޅުއްވައި ގާޒީ ވަނީ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމަވާފައެވެ. އަދި ގާޒީ ވަނީ ދައުވާތައް ބާތިލްކުރައްވާފައެވެ.

އަދީބުގެ މައްޗަށް އެންމެ ފަހުން އުފުލި ހަތް ދައުވާ ބާތިލްކުރުމުން، ކޯޓުގައި އޭނަގެ މައްޗަށް އިތުރު އެއްވެސް ދައުވާއެއް ނެތެވެ. މީގެ ކުރިން އެމްއެމްޕީއާރްސީ މައްސަލައިގައާއި، ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައިގައާއި، ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި ޖުމުލަ 33 އަހަރުގެ ޖަލު ހުކުމް އަދީބުގެ މައްޗަށް އައެވެ. ނަމަވެސް އެ ހުކުމްތައް ސުޕްރީމް ކޯޓާ ހަމައިން ވަނީ ބާތިލްކޮށްފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން މިއަދު ނިންމި ނިންމުމާއެކު އަދީބު ވަނީ މިނިވަންވެފައެވެ.