މިއަދު ކުރިމިނަލް ކޯޓުގައި ހިނގާދިޔަ އެމްއެމްޕީއާރުސީގެ މައްސަލައިން ހާމަވެގެން ދިޔައީ ރައީސް ޔާމީން ޖަލުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއްނެތް ކަން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މިއަދު ކުރިމިނަލް ކޯޓުގައި މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުން ބޭރުކޮށްލުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްްއެމްޕީއާރުސީގެ މައްސަލައިން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ސަލާމަތްވެގެން ދިޔުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ޖަލުގައި ބެހެއްޓުމުގެ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލާގައި ކުރިމިނަލް ކޯޓުން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ މައްސަލާގައި ޕީޖީގެ މަގާމުގައި އޭރު ހުންނެވި ބިޝާމްއާއި ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ރިޔާޒު އަމަލުކުރައްވާފައި އޮތީ ރަނގަޅަށް ނޫން ކަމަށް. އެހެންވީމާ އެ ދައުވާ އަކީ ސައްހަ ދައުވާއަކަށް ނުވާތީ ކޯޓުން މިއޮތީ ބޭރުކޮށްލާފަ. އެހެންކަމުން އަޅުގަނޑުމެން ދަންނަވަން ބޭނުންވާ ވާހަކައަކީ މިހާހިސާބުންވެސް ކަށަވަރުވެގެން މިދިޔައީ ރައީސް ޔާމީންއަށް އުފުލާފައިވާ ދައުވާއަކީ ސައްހަ ދައުވާއެއް ނޫންކަން."
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައީސް ޔާމީން އަށް ކޮށްފައިވާ ދައުވާ އަކީ ބާތިލް ދައުވާއެއް ކަމަށާއި އެމަނިކުފާނު މިހާރުން މިހާރަށް ޖަލުން މިނިވަން ކުރުމަށް އެދި ސަރުކާރަށް ގޮވާލަމުން އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ޕީޖީ އާއި އެސިސްޓެންޓް ކޮމިޝަނަރ އަކަށް ހުންނެވި މުހައްމަދު ރިޔާޒު ގެ މައްސަލަ ތަހުގީގުކޮށް މިހާރުން މިހާރަށް އެ ބޭފުޅުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އަދި ރައީސް ޔާމީންއަށް މިހާތަނަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް ނެގުމަށް މިހާރުގެ ޕީޖީގެ އަރިހުން އެދޭ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެން މިދެންނެވީ މިއަދު ނިމިގެން ދިޔަ މައްސަލައިން ވަރަށް ގިނަ ކަންތައްތަކެއް އެނގި ހާމަވެގެން ދިޔުމުން. ސާބިތުވެގެން ދިޔަ އެންމެ މުހިންމު އެއްކަމަކީ ރައީސް ޔާމީންއަށް މި ސަރުކާރުން ވަރަށް ބޮޑަށް ފްރޭމްކޮށްގެން ވަރަށް ބޮޑެތި އަނިޔާތަކެއް ބޭއިންސާފުން ދެމުންގެންދާކަން."
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާވެސް ކޮށްފައި ވަނީ ސައްހަ ނޫން އެއްބަސްވުމެއްގެ ދަށުން ކަމަށްވާތީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެ ދައުވާތައް ބާތިލްކުރީ ކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.