ހުޅުމާލެއާއި ޕެރަޑައިޒް އައިލެންޓް ރިސޯޓާއި ދޭތެރޭ ކަނޑުއޮޅިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް )އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މި ދޯނި އޮޔާދަނީ ބޮޑުކަޅިން ނުކުމެގެން ބޭރަށް އިރުމައްޗަށްވާގޮތަށް ކަމަށާއި މި ދޯނީގެ ގެގަނޑުން ބައެއް ފެންމަތިން ފެންނަން ހުރިއިރު، މި ދޯންޏަކީ 60 ފޫޓްގެ ދޯންޏެެެއް ކަމަށެވެ. އެހެންކަމުން މި ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން މި ސަރަޙައްދުން ދަތުރުކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ސިފައިން ވަނީ އެދިފައެވެ.
މި ދޯނި އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު މެންދުރު 12:17 ހާއިރުގައި ކަމަށް ސިފައިން މައުލޫމާތުދެއެވެ.