ކޮވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހަވީރު 5:05 ގައި ނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ މީހެއް ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި 14 ވަނަ މީހާ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނަަށްވާއިރު މީގެ ތެރޭގައި ހިމެނެނީ 8 ދިވެއްސަކާ 6 ބިދޭސީންނެވެ. ނިޔާވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 5 މީހަކާއި ޕިލިޕީންސްއަށް ނިސްބަތްވާ މީހެކެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހަކު މަރުވެފައިވަނީ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގައެވެ. ރާއްޖެއިން މިހާތަނަށް 2762 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ފަރުވާ ދެމުން އަންނަނީ 444 މީހުންނަށެވެ. ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2290 މީހުން ވަނީ ރަނގަޅުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.