ފަތުވެރިންނަށް ރާއްޖެ ޒިޔާރަތްކުރުމުގެ ފުރުސަތު މާދަމާ އަލުން ހުޅުވާލުމަށް ހަމަޖެހިފައިވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައްލަވާލައްވައިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި، ވެލާނާ އިންޓަރނޭޝަން އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އެރައިވަލް އަދި ޑިޕާޗަރ ޓަރމިނަލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގައި ވެފައިވާ ތައްޔާރީތައް ވަނީ ބައްލަވާލައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ޒިޔާރަތުގައި ރައީސް ވަނީ ފަސިންޖަރުން ސްކްރީންކުރުމާއި ކޮވިޑަށް ޓެސްޓުކުރަންޖެހޭ ހާލަތުގައި ޓެސްޓުކުރުން ފަދަ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތުގެ އިތުރަށް އެމަނިކުފާނު ވަނީ އެއަރޕޯޓުގެ އެރައިވަލް ޓަރމިނަލާއި، ޑިޕާރޗަރ ޓަރމިނަލްގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތުވެސް އެއަރޕޯޓުގެ ކަމާބެހޭ އިސްފަރާތްތަކުގެ ފަރާތުން އޮޅުންފިލުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.