ކުރީގެ ނާއިބުރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކުރިކުރަން ކްރިމިނަލް ކޯޓުން ނިންމީ ގާނޫނީ ނިޒާމުން ބޭރުން ނިންމި ނިންމުމެއް ކަމަށާއި ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރާނެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަދީބުގެ މައްޗަށް އެންމެ ފަހުން ދައުލަތުން އުފުލި ހަތް ދައުވާ މިއަދު ކްރިމިނަލް ކޯޓުން ބާތިލްކޮށްފައިވާތީ ޕީޖީ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ނިންމެވި ނިންމެވުމަކީ ޖިނާއި އިޖުރާއަތުގެ ގާނޫނާ ޚިލާފު ނިންމެވުމެއް ކަމަށާއި އެ ނިންމެވުން ގާނޫނީގޮތުން ބަލައިނުގަނެވޭނެ ކަމަށެވެ. ދައުލަތުން އަދީބާއެކު ހެދި އެއްބަސްވުމަކީ ބާތިލް އެއްޗެއް ކަމަށް ގާޒީ ކަނޑައަޅުއްވާފައިވާތީ، ޕީޖީ ޝަމީމް ވިދާޅުވީ އަދީބު އެކަމަށް އެދިވަޑައިގެންފައި ވެސް ނެތީސް، އެއްބަސްވުން ބާތިލްކަމަށް ނިންމި ނިންމުމަކީ ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ނިންމި ނިންމުމެއް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި ޝަމީމް ވިދާޅުވީ މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އިސްތިއުނާފުގެ ލިޔުންތައް މާދަމާ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކުރުމުން މިނިވަންވީ އެ ދައުވާތަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށް އަދީބު ގޭބަންދުގައި ހުންނަވަނިކޮށެވެ. ޝަމީމް ވިދާޅުވީ އަދީބު ފުރުން މަނާކުރުމުގެ އަމުރަކަށް ކޯޓުގައި ދައުލަތުގެ ފަރާތުން އެދޭނެ ކަމަށާއި ނަމަވެސް ބަންދުކުރުމުގެ އަމުރަކަށް ދެން އެދޭނީ ހައްޔަރުކުރަން ޖެހޭ ސަބަބެއް އޮތިއްޔާ ކަމަށެވެ.

ގާޒީ އިސްމާއީލް ރަޝީދު ނިންމުމަށް ވާސިލްވި ގޮތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕީޖީ ވިދާޅުވީ ޝަރީއަތަށް ހުށަހަޅާފައި ނެތް ކިތަންމެ ކަމެއް ކޯޓު ހުކުމުގައި ހިމެނޭ ކަމަށެވެ. ގާޒީ ރިއާޔަތްކުރައްވަން ޖެހޭނީ ކޯޓަށް ހުށަހެޅޭ ލިޔުންތަކާއި ދެފަރާތުގެ ވާހަކަތަކަށް ކަމަށާއި ގާޒީއަށް އެނގިވަޑައިގަންނަވާ މައުލޫމާތުތަކެއްގެ މައްޗަށް ހުކުމްކުރަން ވެއްޖެނަމަ، ފުލުހުންނާއި ޕީޖީގެ ބޭނުމެއް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަަދީބު ޖަލުގައި ހުންނެވިއިރު ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވުމުގެ ޝަރުތެއްގެ ގޮތުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުން ހަދާފައިވާތީ އެއީ ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ޓޯޗާގެ އަމަލެއް ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ. އެ ނުކުތާގައި ޝަމީމް ވިދާޅުވީ އެއީ ޓޯޗާ ކަމަށް އަދީބު ޝަރީއަތުގައި ވިދާޅުވެފައި ނުވާ ކަމަށާއި އަދި އެފަދަ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅާފައި ނެތް ކަމަށެވެ. އެހެންކަމުން ގާޒީގެ އެ ނިންމެވުން ވެސް ގޯސް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ގާޒީގެ ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕީޖީ ޝަމީމް ވިދާޅުވީ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ. ގާޒީއަކު "ހެއްވާކޮށް" ކަމެއް ކޮށްފިނަމަ ޕީޖީ އެކަން ޖޭއެސްސީއަށް ހުށަހަޅަން ޖެހޭ ކަމަށާއި އެހެންކަމުން އެކަން ކުރައްވާނެ ކަމަށެވެ. އަދި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދަށު ކޯޓުގެ ނިންމުން ބާތިލްކުރާނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.