އިތުރު 39 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަލަށް 39 މީހުން އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި، ބަނގްލަދޭޝްގެ 7 މީހުންނާއި، އިންޑިއާ 5 މީހުންނެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް މިހާތަނަށް ރެކޯޑުކުރެވުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 2،801 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ބަލިން ފަސޭހަވެފައިވަނީ 12 މީހުން ކަމަށެވެ.

މިއާއެކު، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެ ބައްޔަށް ޝިފާލިބި، ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދުވަނީ 2،302 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 470 މީހުން ކަމަށެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގައި 2 މީހަކަށް އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 38 މީހަކަށް ފަރުވާދެމުން ގެންދާ ކަމަށެވެ.

އައިސޮލޭޝަންގައި މިވަގުތު 410 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 47 މީހުންނެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ރ. ދުވާފަރާއި، ނ. ކުޑަފަރީ މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައި ކަަމަށެވެ.