ދިވެހި ޒުވާނުންނަކީ، އެކަކު އަނެކަކަށް އިޙްތިރާމު ކުރާ، ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި ކުރިމަތިލައި، ލިބިފައިވާ އިލްމާއި ހުނަރު އަނެކާއާއި ހިއްސާކޮށް، އަދި ކުރިމަގާއި މެދު ވިސްނާ ބަޔަކަށް ވުމަށް އަޒުމު ކަނޑައެޅުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވައިލައްވައިފިއެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ގުޅިގެން ހިންގާ "ސްކިލްސް ފޯރ އަ ރިސިލިއަންޓް ވަރކް ފޯސް" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ހެނދުނު ދިވެހިރާއްޖޭ ގެ ގައުމީ ޔުނިވަރސިޓީގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވި ދިވެހި ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ކުރިއަށްދިއުމުގައި ފުރުސަތުތައް ފަހިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ވަޒީފާގެ ބާޒާރަށް ބޮޑު ހީނަރުމެއް އައިސްފައިވާ މި ހާލަތުގައި، ދުޅަހެޔޮ އިގްތިސާދަކާއި އަރައި ހަމަކުރުމަށް މިހާރުން ފެށިގެން ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން ބިނާކޮށް ތަމްރީނުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު ފެށި ޕްރޮގްރާމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ޕްރޮގްރާމުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ، އެ މީހުން ޝައުޤުވެރިވާ ދާއިރާއަކުން ތައުލީމާއި ތަމްރީނު ލިބި، ވަޒީފާގެ މައިދާނަށް ނުކުތުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
އަދި ބިދޭސީ މަސައްކަތްތެރީންގެ ސަބަބުން ކުރިމަތިވާ އެކި މައްސަލަތައް ހައްލު ކުރެވޭނީ، ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންގެ ޖީލެއް ބިނާކޮށްގެން ކަމާއި، މިއީ އިގްތިސާދު އިތުރަށް ފުޅާކުރުމަށް އޮތް ހައްލު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.