ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައަކީ މުޖުތަމައުގެ ތެރޭގައި ހުރި ގިނަ މައްސަލަތަކެއް މެދުވެރިވާން ދިމާވާ އެއް ސަބަބު ކަމަށާއި، މި މައްސަލައަކީ ޒަމާންތަކެއް ކުރިން ފެށިގެން މިހާތަނާއި ހަމައަށް އައިސްފައިވާ، ފަނާކުރަނިވި މައްސަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ކުރިއަށް ގެންދާ "ގެވެށި ގުޅުން" ކެމްޕެއިން އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ޚާއްސަ މެސެޖުގައެވެ.

‎ ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ހައްލުކުރުމުގައި ޒަމާންތަކެއް ވަންދެން މުޅި ދައުލަތް ނުކުޅެދިފައި އޮތްކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިފަދަ މައްސަލަތައް ހައްލު ނުކޮށް، ޤައުމެއްގެ ގޮތުގައި އަދި މުޖުތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވެން ނެތް ކަމަށެވެ. ‎އަދި، ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައަށް ނޫނެކޭ ބުނުމުގެ ހައްގާއި، ފުރުސަތާއި، ހިތްވަރު ކޮންމެ މީހަކަށްވެސް ލިއްބައިދޭން ޖެހޭ ކަމަށާއި، އަދި އެ ހައްގު ރައްކާތެރިކޮށްދޭ ދައުލަތެއް ބިނާކުރުމަކީ އެމަނިކުފާނުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

‎ސަރުކާރުގެ ބަޖެޓުން މިކަމަށް ކުރާ ހޭދަ އިތުރުކޮށްފައިވާ ކަމަށާއި ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތަކަށް މި އަހަރު ކަނޑައަޅާފައިވާ 294 މިލިއަން ރުފިޔާގެ ބަޖެޓަކީ 2018 ވަނަ އަހަރު އެ މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ 111 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ރޭޕް އަދި ޖިންސީ ގޯނާއަކީ ޖިނާއީ ބޮޑު ޖަރީމާއެއްގެ ގޮތުގައި، ޖިނާއީ އިޖުރާޢާތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ކަމަށާއި އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުވެސް، 28 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު، 2019 ވަނަ އަހަރުގެ ފަހުކޮޅު ތަސްދީޤުކޮށް، މިއަހަރުގެ ކުރީކޮޅު އަމަލުކުރަން ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް، މިއީ މި ހިސާބުން ނިންމައިލެވޭނެ ކަމެއް ނޫން. ގެވެށި އަނިޔާގެ މައްސަލަތަކާއި، ފަޚުރުވެރި އާއިލާއެއް ބިނާ ކުރުމަށް ދިމާވެފައިވާ އެހެނިހެން ގޮންޖެހުންތައް ނައްތައިލުމަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ދާއިރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ގިނަކަން އަޅުގަނޑު ގާބޫލު ކުރަން."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

‎ މިފަދަ މައްސަލަތައް ސަރުކާރާއި މުޖުތަމައުގެ ސަމާލުކަމަށް ގެނައުމަށް މަދަނީ އެކި ޖަމްއިއްޔާ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވާ ކަމަށާއި، މި ކަންކަމާއި މެދު އަޑު އުފުލަމުންދާ ޒުވާނުންގެ މަސައްކަތްތަކުގެ ސަބަބުން ހިތްވަރު ލިބިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކާއި ހިއްސާ ކުރުން އަދިވެސް އިތުރު ކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

‎ގެވެށި އަނިޔާގެ މައްސަލަތަކަކީ މުޖުތަމައުގައި އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ބޮޑު އެއް މައްސަލަ ކަމަށް ވާއިރު، ޖުމްލަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ހައްލަކީ އަންހެނުން ބާރުވެރިކުރުވުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން އިސްނަގައިގެން ކުރަމުން ގެންދާ ބައެއް މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.