• އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކާ ގާތަށް
  • ރަށްތައް އަލުން ލޮކްޑައުން ކުރާންފެށުމުން މައި ސަރުކާރު ކަންބޮޑުވެފައި

ކޮވިޑް-19 ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން އިންޑިއާގެ ބައެއް ސްޓޭޓްތަކާއި، ސިޓީތައް އަލުން ލޮކްޑައުންކޮށް، ބައެއް ރަށްތަކުގައި އާންމުންގެ ހަރަކާތްތައް ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

އިންޑިއާއިން ބަލިޖެހުނު މީހުންގެ އަދަދު 8 ލައްކައަށް އެރިތާ ތިންދުވަސްފަހުން އެ އަދަދު 9 ލައްކައިން މައްޗަށްގޮސް، މިހާރުވަނީ ބަލިޖެހޭ މީހުންގެ އަދަދު މިލިއަނަކާ ގާތްކޮށްފައެވެ.

ބުދަދުވަހު އެކަނިވެސް 30،000 އާ ގާތްކުރާ އަދަދެއްގެ މީހުން ޕޮޒިޓިވް ވެފައި ވެއެވެ.

އަލުން ބަލި ފެތުރޭން ފެށުމާ ގުޅިގެން ދުނިޔޭގެ އެތައް ގައުމަކާއި، ސިޓީއެއްގައި، އެތެރޭގައި ލޮކްޑައުންގެ ހާލަތު ހިންގައި، އާންމުންގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަށް ގެންދަނީ ފިޔަވަޅުތައް އަޅަމުންނެވެ. މިލިސްޓަށް އެންމެފަހުން އިތުރުވީ އިންޑިއާއެވެ.

ދުނިޔޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވާއިރު، އިންޑިއާ ވެފައިވަނީ އެމެރިކާ، ބްރެޒިލް ފިޔަވައި، ބަލީގެ ހާލަތު ތިންވަނައަށް އެންމެގޯސް ގައުމަށެވެ.

އިންޑިއާގެ މަރުކަޒީ ސަރުކާރުގެ ހެލްތު މިނިސްޓްރީން އަންގާރަދުވަހު ބުނެފައިވަނީ، އެކްޓިވް ކޭސަސްގެގޮތުގައި ތިބި މީހުންނަށްވުރެ ބަލިން ފަސޭހަވެފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

މައި ސަރުކާރުން ބުނެފައިވަނީ، އިންޑިއާއިން ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައިމީހުން ބަލިން ފަސޭހަވެ، ހޮސްޕިޓަލުންވެސް ދޫކޮށްލާފައިވާ ކަމަށެވެ.

އިންޑިއާއިން ކޮވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު 24،309 އަށް އަރާފައިވާކަމަށް މައި ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ރަސްމީ ތަފާސްހިސާބުން ހާމަވާއިރު، އިންޑިއާގެ ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ، ބަލީގައި މަރުވި މީހުންގެ އަސްލު އަދަދު އެއަށްވުރެ މަތިވާނެ ކަމަށެވެ.

ސަބަބެއް ކަމަށް އެ ބޭފުޅުން ވިދާޅުވީ، ބަލިޖެހޭ މީހުންނާއި، ބަލީގައި މަރުވާ މީހުންގެ އަދަދުތައް، ޚާއްސަކޮށް ރަށްފުށުގެ ހިސާބުތަކުން ރިޕޯޓްކުރުމަށް އެކަށީގެންވާ ރަނގަޅު ނިޒާމެއް ހަމަޖެހިފައި ނެތުމުން ކަމަށެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ، ސަރުކާރުން ހާމަކުރާ އަދަދުތަކުން އިންޑިއާގައި ބަލީގެ ހާލަތު ގޯސްމިންވަރު ހާމަނުވާ ކަމަށެވެ.

އިންޑިއާގެ އެކި ހިސާބުތަކުން އެތައް ޕީކެއްވެސް ފެންނާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިންޑިއާގައި މިހާރު އެންމެ ބާރަށް ބަލި ފެތުރެމުންދާ ބެންގަލޫރު މިހާރުވަނީ ހަފްތާއަކަށް ލޮކްޑައުން ކޮށްފައެވެ. އެއީ، 13 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ސިޓީއެކެވެ.

ބެންގަލޫރަކީ އިންޑިއާގެ އިންފޮމޭޝަން ޓެކްނޯލޮޖީ ސިނާއަތުގެ މައި ހަބެވެ. ދުނިޔޭގެ އެތައް ކުންފުންޏަކުން މަސައްކަތްކުރާ ރަށެކެވެ.

ބަލީގެ ހާލަތު ގޯސްވެ، ބެންގަލޫރު ހަފްތާއަކަށް އަލުން ލޮކްޑައުންކުރި ނަމަވެސް ދެބައިކުޅަ އެއްބައި މުވައްޒަފުންނާއެކު ކުންފުނިތަކުގެ އޮޕަރޭޝަންސް ހުއްޓާނުލާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ސަރުކާރުންވަނީ ދީފައެވެ.

އިމަޖެންސީ ބޭނުމަށް ފިޔަވައި ޓްރާންސްޕޯޓް އެއްކޮށް ހުއްޓާލާފައިވާއިރު، ޟަރޫރީ ތަކެތި ވިއްކާ ފިހާރަތައްނޫން ހުރިހާ ތަންތަނެއްވަނީ ބަންދުކޮށްފައެވެ.

އިންޑިއާގެ ވިޔަފާރީގެ މައި ހަބް މުމްބާއީއާއި، ވެރިރަށް ނިއުދިއްލީގެ ހާލަތުވެސް ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އެދެ ރަށުން އެކަނިވެސް ހަތަރު ލައްކަށްވުރެ ގިނަމީހުން ޕޮޒިޓިވް ވެފައިވެއެވެ.

ރައްޔިތުންގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމުގެގޮތުން 125 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ އަދި އިންޑިއާގެ އެންމެ ފަގީރު ސްޓޭޓް ކަމަށްވާ ބިހާރު ސްޓޭޓް ބުރާސްފަތި ދުވަހުންފެށިގެން 15 ދުވަހަށް ލޮކްޑައުން ކުރުމަށް ސްޓޭޓް ސަރުކާރުންވަނީ ނިންމާފައެވެ.

އިންޑިއާގެ ހުޅަނގު ސިޓީއެއް ކަމަށްވާ ޕޫނޭއާއި، 200 މިލިއަން މީހުން ހިމެނޭ އުއްތަރް ޕްރަދޭޝް، ޓެމިލް ނާޑޫ، އާސާމް އަދި ޝްރީނަގަރުންވެސް ވަނީ އިތުރު ފިޔަވަޅުތައް އަޅާފައެވެ.

ސިޓީތަކާއި، ސްޓޭޓްތައް އަލުން ލޮކްޑައުންއަށް ގެންނަން ފެށުމުން، ވިޔަފާރިތައް ހުޅުވާލައި، އިގްތިސާދަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމުގެގޮތުން ގައުމު އާންމު ހާލަތަށް ގެނައުމަށް މައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްތައް ކުރިމަތިވަމުންދާ ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ. އަދި އެކަމުގެ ކަންބޮޑުވުންތައް ސަރުކާރުގެ ތެރޭގައި އުފެދިފައިވާ ކަމަށްވެސް ބުނެއެވެ.