ނޫސްވެރިޔަކަށް ރައީސް އޮފީހުގެ ވެރިއަކު ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.

އެމްއެމްސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ "ދި އެޑިޝަން"ގެ އެޑިޓަރު ރާއިއާ މުނައްވަރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއީލް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އެ ނޫހާއި އޭނާގެ ފަރާތުން ކަމާބެހޭ އިދާރާތަކަށް، އެކަން ހިނގި ދުވަސްވަރު ކަމުގައިވާ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ މައްސަލަ ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަތައް ހުށަހެޅި ފަހުން 18 މަސްދުވަސް ފާއިތުވީއިރު އެއްވެސް ފިޔަވަޅެއް މިއަދާ ހަމައަށް އަޅާފައި ނުވާކަން އޭނާ ހާމަކުރައްވާފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލުން ބުނީ ދައުލަތުގެ އިސް މަގާމެއްގައި ހުރި ފަރާތެއްގެ ކިބައިން ދިވެހި އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ސީރިއަސް ތުހުމަތު ކުރެވެމުން ދިޔަ ނަމަވެސް، މުއައްސަސާތަކުން އެ މައްސަލަ ބަލައި އެކަމުގެ ހަގީގަތް ހާމަނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާކަމީ ނޫސްވެރިންގެ ހައްގުތަކާއި މިނިވަން މީޑިއާއެއް ރާއްޖޭގައި ގާއިމްކުރުމަށް ގާނޫނީގޮތުން މަތިކޮށްފައިވާ އެ ކައުންސިލުން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ޒަމާނުއްސުރެ ރާއްޖޭގެ މުޖުތަމައުގައި އަށަގެންފައިވާ ގޮންޖެހުންތަކާއި ހުރަސްތަކާ ހުރެ ރާއްޖޭގެ މީޑިއާއާއި ނޫސްވެރިކަމުގެ ދާއިރާގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު ނިސްބަތުން މަދުއިރު، އަދި މި ދާއިރާއަށް ނިކުންނަން އަންހެނުން ފަސްޖެހުމުގެ ސަގާފަތެއް އޮތްއިރު، މިފަދަ ކަންކަމުގެ ސަބަބުން ނޫސްވެރިކަމާއި މީޑިއާގެ ދާއިރާއަށް އަންހެނުން ނުކުތުމަށް މިހާރަށް ވުރެ ބޮޑަށް ފަސްޖެހި، ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބުމަށް އިތުރު ހުރަސްތައް ކުރިމަތިވާނެ ކަމަަށް މީޑިއާ ކައުންސިލުން ފާހަގަކުރެއެވެ.

އެހެންކަމުން މި ކައުންސިލުން ދައުލަތުގެ އެންމެހާ އިދާރާތަކަށް ގޮވާލަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީގެ މައްޗަށް ކުރެވޭ ތުހުމަތުތައް އިންސާފުވެރިކަމާއި ދެފުށްފެންނަ ގޮތެއްގެ މަތިން ވީހާވެސް އަވަހަކަށް ތަހުގީގުކޮށް މައްސަލައިގެ ހަގީގަތް ހާމަކުރުމަށެވެ. އަދި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވީ ކަމަށް ބުނާ ނޫސްވެރިޔާ ރާއިއާއަށް ކަމާގުޅޭ އިދާރާތަކުން ފޯރުކޮށްދޭން ޖެހޭ އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މި މައްސަލައިގައި އިންސާފު ގާއިމްކޮށް ދިނުމަށް ވެސް މި ކައުންސިލުން ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އިދާރާތަކަށް އިލްތިމާސްކުރަމެވެ.
މީޑިއާ ކައުންސިލުގެ ބަޔާން

މީގެ އިތުރަށް މީޑިއާގައި ހަރަކާތްތެރިވާ އަންހެން މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދިނުމަށް މީޑިއާ އެޖެންސީތަކުގެ މެނޭޖްމަންޓުން ވީ އެންމެ ބޮޑަކަށް މަސައްކަތް ކޮށްދިނުމަށް މިޑިއާ ކައުންސިލުން ވަނީ ގޮވާލާފައެވެ.

މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިންނާއި މިނިވަން މީޑިއާއަށް އުނިކަން އަންނާނެ މިފަދަ ކޮންމެ ކަމެއްގައި އެ ކައުންސިލުން ދިވެހި ނޫސްވެރިންނާއި މީޑިއާތަކާ އެކު ތިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. މީޑިއާގައި ހަރަކާތްތެރިވާ އަންހެން ނޫސްވެރިންނާއި އަންހެން މުވައްޒަފުން ކުރައްވާ މަސައްކަތް ފާހަގަކޮށް، މި ދާއިރާގައި ދެމިތިބުމަށް ހިތްވަރުދޭ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުނެއެވެ.