ފަތުރުވެރިންނަށް ހުޅުވާލިތާ ދެހަފްތާފަހުން އިންޑިއާގެ ހުޅަނގުގެ ގޯއާ ސްޓޭޓް އަލުން ލޮކްޑައުންއަށްދާން މަޖުބޫރުވެއްޖެއެވެ.

ގޯއާ ސްޓޭޓް އަލުން ލޮކްޑައުންއަށް ދާން މަޖުބޫރުވީ، ޕޮޒިޓިވް ކޭސްތައް ވަރަށް ބޮޑަށް އިތުރުވާން ފެށުމާ ގުޅިގެންނެވެ.

ގޯއާ ސްޓޭޓަކީ ބޭރުން އަންނަ ފަތުރުވެރިންގެ މެދުގައި ވަރަށް މަގްބޫލް މަންޒިލެކެވެ. ގޯއާއަކީ ފަތުރުވެރިން ވަރަށް ގިނައިން ޒިޔާރަތްކޮށްއުޅޭ ވަރަށް ހިތްގައިމު ގިނަ ގޮނޑުދޮށްތައް ހިމެނޭ ސްޓޭޓެކެވެ.

ފަތުވެރިންނަށް ގޯއާ ހުޅުވާލުމާއެކު، ފަތުރުވެރިންނާއިގެން އެ ސްޓޭޓް ފުރި ބަންޑުންވެގެންދިޔަ ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

ނަމަވެސް ދެ ހަފްތާއެއްހާ ދުވަސްފަހުން އެ ސްޓޭޓް ފަތުވެރިންނަށް ދޮރުތައް ބަންދުކޮށް އަލުން ލޮކްޑައުންއަށް ދާން މަޖުބޫރު ވެގެންދިޔައިރު، އިންޑިއާގެ އިތުރު އެތައް ސްޓޭޓަކާއި ސިޓީއެއްވެސް މިހާރުވަނީ އަލުން ލޮކްޑައުންއަށް ގޮސްފައެވެ.

އިންޑިއާއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 32،695 މީހުން އަލަށް ޕޮޒިޓިވް ވެފައިވާކަމަށް އިންޑިއާ މައި ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރއިން ހާމަކޮށްފައި ވެއެވެ.

މިއަދަދާއެކު، އިންޑިއާއިން ބަލިޖެހުނު މީހުންގެ އަދަދު މިހާރުވަނީ މިލިއަނަކާ ގާތްކޮށްފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 25،000 އަށްވުރެ މައްޗަށް ގޮސްފައެވެ.

އިންޑިއާގައި ބަލީގެ ހާލަތު މިހާރު އެންމެ ގޯސްވަމުން އަންނަ ރަށްތަކުގެ ތެރޭގައި ކަރްނާޓަކާ، ވެސްޓް ބެންގޯލް، އަންދްރަ ޕްރަދޭޝް، އުއްތަރް ޕްރަދޭޝް ހިމެނޭ ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ.

އިންޑިއާގައި މިހާރު އެންމެ ބާރަށް ބަލި ފެތުރެމުންދާ ބެންގަލޫރު މިހާރުވަނީ ހަފްތާއަކަށް ލޮކްޑައުން ކޮށްފައެވެ. އެއީ، 13 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ސިޓީއެކެވެ.

ބެންގަލޫރަކީ އިންޑިއާގެ އިންފޮމޭޝަން ޓެކްނޯލޮޖީ ސިނާއަތުގެ މައި ހަބެވެ. ދުނިޔޭގެ އެތައް ކުންފުންޏަކުން މަސައްކަތްކުރާ ރަށެކެވެ.

އިންޑިއާގެ ވިޔަފާރީގެ މައި ހަބް މުމްބާއީއާއި، ވެރިރަށް ނިއުދިއްލީގެ ހާލަތުވެސް ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ރައްޔިތުންގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމުގެގޮތުން 125 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ އަދި އިންޑިއާގެ އެންމެ ފަގީރު ސްޓޭޓް ކަމަށްވާ ބިހާރު ސްޓޭޓް ބުރާސްފަތި ދުވަހުންފެށިގެން 15 ދުވަހަށް ވަނީ ލޮކްޑައުން ކޮށްފައެވެ.

އިންޑިއާގެ ހުޅަނގު ސިޓީއެއް ކަމަށްވާ ޕޫނޭއާއި، 200 މިލިއަން މީހުން ހިމެނޭ އުއްތަރް ޕްރަދޭޝް، ޓެމިލް ނާޑޫ، އާސާމް އަދި ޝްރީނަގަރުންވެސް ވަނީ އިތުރު ފިޔަވަޅުތައް އަޅާފައެވެ.