ރާއްޖޭގައި އުޅޭ އެހެން ގައުމުތަކަށް ނިސްބަތްވާ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް އައްޑޫ ސިޓީ ގަން އެއާޕޯޓުން ފަށައިފިއެވެ.

މި މަސައްކަތް މިއަދު ފަށާފައިވާއިރު، މިއަދު ވަނީ މޯލްޑިވިއަންގެ ފްލައިޓެއް އައްޑޫ ސިޓީ ގަމުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުކޮށްފައެވެ. މިފްލައިޓުން ބަންގްލަދޭޝްއަށް ނިސްބަތްވާ 135 މީހަކު އަނބުރާ ގައުމަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ. މިއީ މާލެ ނޫން އެހެން ސަރަހައްދަކުން، ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ބާއްވާފައިވާ ފުރަތަމަ ފްލައިޓެވެ.

ރާއްޖޭގައި އެތައް ބިދެސީ މަސައްކަތްތެރިންނެއް ދިރިއުޅެމުންދާއިރު މި މީހުންގެ ތެރެއިން 65،000 އަށްވުރެ ގިނަ މީހުންނަކީ ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނެވެ. މި މީހުން ދިރިއުޅެމުންދަނީ ގިނަ ބަޔަކު އެއް ތަނެއްގައި ތޮއްޖެހިގެން ކަމުން، ކޮވިޑް-19 އާއި ގުޅިގެން ދިރިއުޅޭ ތަންތަނުގެ ތޮއްޖެހުން ކުޑަކުރުމަށް ދިވެހި ސަރުކާރުން ގެންދަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެން، ގަވާއިދާ ހިލާފަށް އުޅޭ އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

މި ދަތުރުތަކުގައި ގަވާއިދާ އެއްގޮތަށް އުޅޭ މީހުންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުންވެސް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.