ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ގާނޫނުތައް އިސްލާހުކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.

އެމްއާރްއެމް މިގޮތަށް ގޮވާލީ ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގައި މުޒާހަރާ ކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް ބުނެ ހޯމް މިނިސްޓްރީން އިއުލާނެއް ނެރެފައި ވަނިކޮށެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެއުޅުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް ހަވާލާދީ، ހޯމް މިނިސްޓްރީން މިފަދަ އެންގުމެއް އެންގިއިރު، މި ސަރުކާރު ވެރިކަމަށް އައީ އެފަދަ ގާނޫނުތައް އިސްލާހުކުރާނެ ކަމަށް ވައުދު ވެގެނެވެ.

އެމްއާރްއެމް އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނެވުނު އިސްލާހަކީ އެ ޕާޓީން ގަބޫލުކުރާ އުސޫލުތަކާ ޚިލާފު އަދި ގާނޫނުއަސާސީއާ ތައާރުޒުވާ އިސްލާހެއް ކަމަށެވެ. އަދި މިއީ ގާނޫނުއަސާސީން ދީފައިވާ ހައްގެއް އުނިކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، މިކަމާ ދެކޮޅަށް އޭރުވެސް އެ ޕާޓީން ވާނީ ފާޅުގައި ވަކާލާތު ކޮށްފައިކަން އެމްއާރްއެމް އިން ފާހަގަކުރެއެވެ.

ހަމައެއާއެކު މިކަމާ ދެކޮޅަށް ތެދުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރެއްގެ ގޮނޑި ގެއްލިގެން ދިޔަކަމީވެސް ރައްޔިތުން ދަންނަ ހަގީގަތެކެވެ. އަޅުގަނޑެމެން އެންމެން ކުރި އިސްލާހީ މަސައްކަތުގައި ގާނޫނުއަސާސީގެ ރޫހާ ޚިލާފަށް އޭރުގެ ސަރުކާރުން ގެންނެވި ބަދަލުތައް މުރާޖައާކޮށް، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގާނޫނުއަސާސީއަށް އޭރުގެ ސަރުކާރުން ގެންނެވި ބަދަލުތައް އިސްލާހު ކުރުމަށް އަޅުގަނޑުމެން ވާނީ އެއްބަސްވެފައެވެ.
އެމްއާރްއެމްގެ ބަޔާން

ރައީސް ޔާމީންގެ ސަރުކާރުގައި ގާނޫނުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު އިސްލާހާމެދު އޭރު އެތައް ބަޔަކު އަޑުއުފުލިއެވެ. އެ އސްލާހު އުވާލާއި، އެއްވެއުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމަގޮތުގައި ދިނުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް އޭރު އެއްބަސްވިކަން އެމްއާރްއެމްގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެމްއާރްއެމް އިން ބުނީ އޭރު އެގޮތަށް އެކަންކަމާމެދު އަޑުއުފުލައި އެފަދަ ގާނޫނުތައް އިސްލާހުކުރާނެ ކަމަށް ބުނި ނަމަވެސް، މިއަދު ފެންނަނީ އެންމެން ގުޅިގެން ގެނައި ސަރުކާރުގެ ހޯމް މިނިސްޓްރީން ނެރުނު އިއުލާނަކުން، ކުރިން ބަދަލުކުރަންޖެހޭ ކަމަށް އެއްބަސްވި ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ ހައްގެއް ހަނިކުރެވިގެންދާ މަންޒަރު ކަމަށެވެ.

މިގޮތަށް ކަންކަން ކުރުމުގެ ފުރުސަތު ލިބިގެން މިދަނީ ގާނޫނުތައް ހެދުމާއި ގާނޫނުތައް އިސްލާހުކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިއްބެވި ފަރާތްތަކުން ފުރިހަމަގޮތުގައި އެ ޒިންމާ އަދާކުރެވިފައި ނުވާތީ ކަމަށް ރައްޔިތުން ގަބޫލުކުރާނެއެވެ. މިކަމަކީ އަދުގެ ސަރުކާރުގައި ހިމެނިވަޑައިންނަވާ ބޭފުޅުންވެސް، މިއީ ގާނޫނުއަސާސީގެ ވަރަށް މުހިންމު މާއްދާއަކާ ކަނޑައެޅިގެން ޚިލާފުވާ ކަމަކަށް ވާތީ، މިކަމާ ދެކޮޅަށް ބަސްވިދާޅުވެ، ވަކާލާތު ކުރައްވާފައިވާ ކަމެކެވެ.
އެމްއާރްއެމް

އެމްއާރްއެމް އިން ބުނީ ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުނުކަމަށް ވާނީ ރައްޔިތުންނާ ގުޅުންހުރި ގާނޫނުތައް ބަދަލުކުރެވި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރެވި، ގާނޫނުއަސާސީން ރައްޔިތުންނަށް އިންސާފު ލިބުމުންނެވެ. އެހެންކަމުން ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް، އިސްލާހުކޮށްދޭނެ ކަމަށް ބުނެފައިވާ ގާނޫނުތައް އަވަހަށް އިސްލާހުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް އެމްއާރްއެމް އިން ވަނީ ގޮވާލާފައެވެ.

އެއްވެއުޅުމުގެ ގާނޫނަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނެވުނު އިސްލާހުގައި ވާގޮތުން، މާލޭގައި ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވުންތައް ބޭއްވޭނީ ނުވަތަ މުޒާހަރާ ކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައެވެ. އެދުވަސްވަރު އޭރުގެ އިދިކޮޅުގައި ތިބި، މިހާރު ސަރުކާރުގައި ތިބި ޕާޓީތަކުން އެކަމާ ދެކޮޅަށް އަޑުއުފުލައި ޚާއްސަކޮށް އެމްޑީޕީން އެ ގާނޫނަށް އަމަލުނުކުރާނެ ކަމަށް ވެސް ބުންޏެވެ. ގާނޫނަށް ގެނައި އެ އިސްލާހު އުވާލަން، މިސަރުކާރު ވެރިކަމަށް އައުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ ބިލުގެ މަސައްކަތް ކުރިއަށްނުގޮސް، އެއްވެއުޅުމުގެ ހައްގު ހިފެހެއްޓުމެއްގެ ތެރޭގައި އޮތުމުން އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.