އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފޯރަމެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ބިލަށް ޚިޔާލު ހޯދުމަށް ބާއްވާ ފޯރަމް އޮންނާނީ އާދީއްތަ ދުވަހުގެ ރެއެވެ. އެރޭ 8:30 ގައި މި ފޯރަމް ބާއްވަން ހަމަޖެހިފައިވަނީ މަޖިލީހުގެ އިދާރާގައެވެ.

ރައްޔިތުންގެ މަޖިލީހުން ފަރުމާކުރަމުންދާ ގާނޫނުތަކަށް ފަހަކަށް އައިސް ދަނީ ރައްޔިތުންގެ ޚިޔާލު ހޯދަމުންނެވެ. މިގޮތުން ލިޔުމުން ޚިޔާލު ހުށަހެޅުމަށް ވެސް ހުޅުވާލެވެއެވެ. އަދި މިގޮތަށް ފޯރަމްތައް ބާއްވައިގެން ބިލާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ބަލައި ޚިޔާލު ހޯދައެވެ. މިގޮތުން މިމަހުގެ 12 ވަނަ ދުވަހު ވަނީ ތައުލީމުގެ ބިލަށް ޚިޔާލު ހޯދުމަށް ފޯރަމް ބާއްވާފައެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ޚިޔާލު ހޯދުމުގެ ފޯރަމަށް ތައްޔާރުވަމުންދާއިރު، މި އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދެވެ.

ރަޝީދު އިސްލާހު ހުށަހަޅުއްވާފައިވަނީ ހެލްތު މިނިސްޓަރު އިއުލާންކުރައްވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގައި ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަން ޖެހުމާއި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުގެ ބާރު ވެސް މަޖިލީހަށް ލިބޭގޮތަށެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ވާގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނޯވެއެވެ. އެކަމުގެ ހުރިހާ ބާރެއް ވެސް މިހާރު އޮންނަނީ ހެލްތު މިނިސްޓަރަށެވެ. އަދި ހެލްތު މިނިސްޓަރު އިއުލާންކުރައްވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފިޔަވަޅުތައް އެޅުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އޮވެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގައާއި އެ ހަލާތު ނިމުމަކަށް ގެނައުމުގައި މަޖިލީހުގެ ދައުރެއް އޮންނަގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުމުން، މިކަމާމެދު ވަނީ ހޫނު ބަހުސްތަކެއް ކުރެވިފައެވެ. މިކަމުގައި މަޖިލީހުުގެ ދައުރެއް ގާނޫނުގައި މިހާރު ކަނޑައެޅިފައި ނެތް ނަމަވެސް، ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަންޖެހެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުގެ ބާރު ވެސް މަޖިލީހަށް އޮވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވުނީ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ. އެކި ފަހަރު މަތިން މި ހާލަތުގެ މުއްދަތު އިތުރުކުރެވިފައިވާއިރު، އެންމެ ފަހުން އިތުރުކުރެވުނު މުއްދަތު ހަމަވާނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ.