ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމާއި ގުޅިގެން ގިނަބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އިމިގްރޭޝަން ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ފަހު، މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމައި ދިނުމަށް އެދި ފޮނުވުމުން ރައީސް ނަޝީދު ވަނީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭންޖެހޭ ގޮތަށް ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި ގިނަ މީހުން ވަނީ ފަލަސްޠީނުގެ މިހާރުގެ ހާލަތަށް ބަލާ، ރާއްޖެ އެ ހާލަތަށް ދިޔަ ނުދިނުމަށް ގޮވާލާ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިފަދައިން ކަންބޮޑުވުން ފާޅުކުރި މީހުންގެ ތެރޭގައި ސިޔާސީ ގިނަ ފަރާތްތަކަކާއި އާންމު ރައްޔިތުން ހިމެނެއެވެ.

މިގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، ފަލަސްތީނުގެ މިނިވަންކަން ނިގުޅައިގަނެ ، ގުދުސް އަޅުވެތި ކުރުމަށް އެންމެ ފުރަތަމަ ކުރެވުނުކަމަކީ އެތަނުން ބިން ވިއްކުމާއި ޔަހޫދީންނަށް ދާއިމީ ގޮތެއްގައި އެތާ ތިބެވޭނެ ގޮތް ހެދުން ކަމުގައި ވިދާޅުވެ މިއީ ގައުމެއް އަޅުވެތިކޮށް ، ހަރާބުކޮށްލަން ކުރާ ފުރަތަމަ ކަންތައް ކަމަށާއި މިފަދަ ކަންކަމާއި މެދު ސަމާލްވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކުރީގެ މެންބަރު ޝިފާގު މުފީދު ވަނީ ‏ބަލަދުދިނުމުގެ ނަމުގައި ބައިތުލްމާލު ހުސްކުރުމަށްފަހު އެންމެފަހުން ޤައުމުގެ ސިޔާދަތު ފޮތިފޮތިކޮށް އެއްލައްކަ ރުފިޔާއަށް ވިއްކާލަނީތޯ ސުވާލު ކުރައްވާފަ އެވެ.

ދިވެހި ރައްޔިތުންނަށް އެންމެ އަސާސީ ހައްގުތައް ވެސް ކަށަވަރުކޮށް ނުދީ ، އަވަށްޓެރި ގައުމެއްގެ ނުބައި ރޭވުމެއްގެ ތެރެއިން ގާނޫނު އަސާސީ އާއިވެސް ޚިލާފަށް ބޭރުގެ ފަރާތްތަކަށް ދާއިމީ ރަށްވެހިކަން ދިނުމީ މި 100% މުސްލިމް ގައުމަށް އޮތް ނުރައްކާތެރި ބިރުވެރިކަމެއްކަން ބަޔާންކޮށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ރައްޔިތުން މިކަމަށް ހޭލުމަށް އެދިވަޑައިގެންފައެވެ.

ސަރުކާރަށް ތާއިދުކުރާ އަދި ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ޝައްމޫން ޖަލީލު ( ލޫކަސް) ވިދާޅުވެފައި ވަނީ ރާއްޖެ އަކީ ‏އެއްލައްކަ ރުފިޔާގެ އިންވެސްޓްމަންޓެއް ކުރާ ދިވެއްސަކަށް ވެސް ޔަގީންކަން ނެތް ގައުމެއްކަމަށާއި ރެސިޑެންޓް ވިސާ ފަދަ ކަމެއް ދޭން ވިސްނާ އިރު އެއް ލައްކަ ރުފިޔާއަކީ ވަރަށް ކުޑަ މިންވަރެއްކަމަށެވެ.

އަދި ‏ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދިނުމަށް ވުރެ ވިސްނަންވީ ދިވެހިންނާ އިނދެ ދަރިން ކާފަދަރިން މުޅި ހަޔާތް ރާއްޖޭގައި ވޭތުކޮށް ވިސާ އާކޮށް ކޮށް ހުންނަން ޖެހިފައިވާ ދިވެހި ދަރިންގެ މައިންބަފައިންނާ މެދުގައިކަމަށާއި މިކަމަށް ހައްލު ބޭނުންވާކަމަށެވެ.

މިކަމާ ކަންބޮޑުވުން ފާޅުކުރި އެހެން މީހަކު ބުނެފައި ވަނީ ‏ރާއްޖޭގެ މަސައްކަތްތެރިކަމާ ސިނާޢަތުތައް ބިދޭންސީންގެ އަތްމައްޗަށް މުޅިން ދާފަދަ ޤާނޫނީ ދޮރެއް ހުޅުވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށެވެ. އެެއްލައްކަ ރުފިޔާ ނުވަތަ ދިހަ އަހަރުގެ ކުލީ އެގްރިމެންޓް އަކަށް ރެސިޑެންސް ވިސާ ދެވިގެން ނުވާނެކަމަށާއި އެ ގޯސް ނުހެއްދެވުމަށް މަޖްލީހަށް ވަނީ ގޮވާލާފައެވެ.

މި މައްސަލައިގައި ރައްޔިތުން ކަންބޮޑުވެފައިވާއިރު އެތައް ބަޔާކުދަނީ ރައީސް ނަޝީދަށް ނުރުހުމާއި ފާޑުކިޔުން އަމާޒުކުރަމުންނެވެ.