އޭޝިއަން ޗެސް ފެޑެރޭޝަން އިން ފިޑޭ އަދި ޗެސް ޑޮޑްކޮމް ގުޅިގެން ބާއްވާ އޭޝިއަން ސީނިއަރސް އޮންލައިން ޗެސް ޗެމްޕިއަންޝިޕް ހުކުރުދުވަހު ފަށައިފިއެވެ.

މި މުބާރަތަކީ 50 އަހަރާއި 65 އަހަރުންމަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ އޮންލައިން މުބާރާތެވެ. ޒޯންތަކަކަށް ބަހާލައިގެން ގެންދާ މި މުބާރާތުގައި ރާއްޖެ ހިމަނާފައިވަނީ ޒޯން 2 އަދި 3 ގައެވެ. ރާއްޖޭގެ އިތުރުން މި ޒޯންގައި ހިމެނެނީ ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.

ދެ އުމުރުފުރައަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި ރާއްޖެއިން ޖުމްލަ ހަތަރު ކުޅުންތެރިން ބައިވެރިވެއެވެ. އެއީ 50 އަހަރުންމަތީގެ 3 ކުޅުންތެރިންނާއި އަދި 65 އަހަރުންމަތީގެ އެއް ކުޅުންތެރިއެކެވެ.

ހުކުރުދުވަހު ބޭއްވި 50 އަހަރުންމަތީގެ ކެޓަގަރީގެ މެޗުތަކުގައި ވާދަކޮށް ރާއްޖޭގެ އަބްދުއްރަހްމާން ވަނީ އެ ކެޓަގަރީގެ ގަދަ 6 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. މި ކެޓަގަރީގައި ވާދަކުރި ގައުމުތަކުގެ ތެރެއިން ރާއްޖެއަށް ވަނީ ތިންވަނަ ލިބިފައެވެ.

މުބާރާތުގެ 50 އަހަރުންމަތީގެ ކެޓަގަރީގައި އޭޝިއާގެ ގައުމުތަކުން ޖުމްލަ 141 ކުޅުންތެރިން ބައިވެރިވެފައިވާއިރު، 65 އަހަރުންމަތީގެ 44 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 20 އަދި 21 ޖުލައި ގައެވެ.

މި މުބާރާތުގެ މެޗުތައް ކުރިޔަށްދާނީ 2 ލެޕްޓޮޕްގެ ބޭނުން ހިފައިގެންނެވެ. މީގެތެރެއިން އެއް ލެޕްޓޮޕުން އެހެން ކުޅުންތެރިންނާއެކު ޒޫމް އެޕް މެދުވެރިކޮށް މުއާމަލާތްތައް ކުރިޔަށްދާނެއެވެ. އަދި އާބިޓާސް (ޖަޖުން) ވެސް ޒޫމް މެދުވެރިކޮށް މެޗުތައް އިންސާފުކުރާނެއެވެ. ދެވަނަ ލެޕްޓޮޕުން ރަސްމީކޮށް މެޗުތައް ކުޅޭނެއެވެ.

ދިރާގު އަދި އެމްޑަބްލިއުއެސްސީ އިން ޑިވެލޮޕްމަންޓް ޕާޓްނާސްގެ ގޮތުގައި މި މުބާރާތަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަމަށް ޗެސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފާހަގަކުރެއެވެ.