އ.ދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ، މިސް ކެތަރިން ހަސްވެލް، "ދަ ނެލްސަން މަންޑޭލާ ރޫލްސް" ފޮތުގެ ދިވެހި ތަރުޖަމާ ނައިބު ރައީސް ފައިސަލް ނަސީމަށް އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މި ފޮތް ބަލައިގަތުމުގެ ފުރުސަތު ނެލްސަން މަންޑޭލާގެ އުފަން ދުވަހު ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވިދާޅުވެ، މަންޑޭލާއަކީ ލާމަސީލު ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ.

މަންޑޭލާގެ ހަޔާތްޕުޅުން އިބުރަތް ލިބިގަނެ، އަމިއްލަ ދިރިއުޅުމުގައިވެސް މަންޑޭލާ ގެންގުޅުއްވި ރަނގަޅު އާދަތަކާއި އުސޫލުތައް އަށަގެންނެވުމަށް މަސައްކަތްކުރައްވާނަން."
ނައިބު ރައީސް ފައިސަލް ނަސީމް

މި ބައްދަލުކުރެއްވުމުގައި އ.ދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ގައުމުގެ ކަންކަން ރަނގަޅުކުރުމަށް ނެލްސަން މަންޑޭލާ ގެންގުޅުއްވި އުސޫލުތައް ރަނގަޅަށް ދަސްކޮށް، އޭގެ ބޭނުން ހިފުން މުހިންމުކަމުގައި ވިދާޅުވިއެވެ. އެގޮތުން އެކަމަނާ ވަނީ ގައިދީންނާމެދު އަމަލުކުރާ ގޮތްތައް ދެނެގަތުމުގައި މަންޑޭލާ ގެންގުޅުއްވި ހަރުދަނާ އުސޫލުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

އެކަމަނާ ވަނީ ދެވެން އޮތް ހުރިހާ ދާއިރާއަކުން އ.ދ. ގެ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް އަރުވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ކުށްވެރިން ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމައަށް ނެރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބަހައްޓަވާ ޙާއްސަ އިސްކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ޖަލުތަކުގައި ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްފައިވަނީ އެ ބޭނުމުގަ."
ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސްގެ އަރިހުގައި މި ބައްދަލު ކުރެއްވުމުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

"ނެލްސަން މަންޑޭލާ ރޫލްސް،" މި ފޮތަކީ ދެކުނު އެފްރިކާގެ ކަޅުނަސްލުގެ ފުރަތަމަ ރައީސްކަމުގައިވާ ނެލްސަން މަންޑޭލާގެ ޝަރަފުގައި ލިޔެފައިވާ، އެއިރު ދެކުނު އެފްރިކާގައި ހިނގަމުންދިޔަ ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް އޭނާ ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ލިޔެފައިވާ ފޮތެކެވެ.

ދެކުނު އެފްރިކާގެ "އެޕާތައިޑް" ވެރިކަމާއި ދެކޮޅަށް ކުރެއްވި މަސައްކަތުގެ ތެރެއިން ނެލްސަން މަންޑޭލާ 27 ދިގު އަހަރު ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވި އިރު، މި ފޮތުގައި ގައިދީންނާއި މެދު އިންސާފާއި، އިންސާނީ ކަރާމާތް ނުގެއްލޭ ގޮތައް އަމަލުތައް ބަހައްޓާނެގޮތް ވަރަށް ތަފްސީލުކޮށް ލިޔެފައިވެއެވެ.